ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޝަހީބް، ސަސްޕެންޑް ކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަޔަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބް އިބްރާހިމް ހިމެނޭތީ އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށެވެ. ޝަހީބް އިބްރާހިމް އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ.

ޕީއެންސީން މިރޭ ބުނީ ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ޕާޓީގެ ކައުންސިލް މެންބަރު ކަމުން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް އެކޯޓުންވަނީ ދީފައެވެ.

މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.