ފުވައްމުލައް

"ހައުސިން ޔުނިޓް ޑިޒައިން ކުރާނީ ކައުންސިލުން އެދޭގޮތަށް"

Mar 26, 2022

ފުވައްމުލަކުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަދާ މަގުތަކާއި އެ ސިޓީގައި އިމާރާތް ކުރަން ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ ޑިޒައިނާ މެދު ގޮތްތައް ނިންމާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބް ރައީސް ފައިސަލް ނަސީމް ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލްގެ ކައުންސިލަރުން ވަނީ އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެ ގޮތެއް ހަމަޖެއްސުމާއި ހައުސިން ޔުނިޓްތައް ތަރައްގީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ފުވައްމުލަކުގައި އިތުރުވަމުންދާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ކަންކަމާއި ފުވައްމުލަކުގެ މާސްޓާ ޕްލޭނެއް ހެދުމަށް ބަޖެޓް ހަމަޖައްސައިދިނުމަށްވެސް ހުށަހަޅުއްވާފަ އެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނޭ މަގުތަކާއި ހައުސިން ޔުނިޓްތަކުގެ ޑިޒައިނާ މެދު ގޮތްތަކެއް ނިންމާނީ ކައުންސިލަރުން އެދިވަޑައިގެންނެވި ގޮތަށް އެ ފުރުސަތު ދެއްވައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އިޖުތިމާއީ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ރައީސް ވަނީ މުޅި ރާއްޖޭގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. އެ މަސައްކަތުގައި ފުވައްމުލަކު ކަހަލަ ސިޓީތަކަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

މިބައްދަލުވުމަށްފަހު ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ ފުވައްމުލަކުގެ ބަނދަރު ސަރަހައްދާއި އެރަށުގެ ގިރާ ސަރަހައްދު ބައްލަވާލައްވާފަ އެވެ. ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ އެމްޓީ ހޯގާޑް އަށެވެ. މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ. ތިންސަތޭކަ މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއެވެ.

ރައީސްގެ ދެކަނބަލުން ފުވައްމުލަކު ރައްޔިތުން ރޭ ދެއްވެވި މާހެފުމުގައި ވެސް އެމަނިކުފާނު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ބައެއް ކަންކަން ކޮށްދެއްވާނެ ކަމަަށް ވިދާޅުވެފަ އެވެ. އެގޮތުން އެރަށު އެއާޕޯޓާއި ބަނދަރު ބޮޑު ކޮށްދިނުމާއި، 50 އެނދުގެ ހޮސްޕިޓަލެއް އަޅައިދިނުމުގެ އިތުރުން 400 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ.