ދުނިޔެ

ރަޝިއާ ޔުކްރޭނަށް 62 ބިލިއަން ޑޮލަރުގެ ގެއްލުން ދީފި

ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން ފާއިތުވި ހަފުތާގައި އެކަނިވެސް 3.5 ބިލިއަން ޑޮލަރުގެ ގެއްލުން ޔުކްރޭންގެ އަސްކަރީ އަދި މަދަނީ އިންފްރަސްޓްރަކްޗާ އަށް ލިބިފައިވާ ކަމަށް ދިރާސާކުރާ މީހުން ބުނެފި އެވެ.

ހަނގުރާމަ ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުން ޔުކްރޭނަށް ރަޝިއާ ދީފައި ހުރި ގެއްލުންތައް 62 ބިލިއަން ފަހަނަ އަޅާނެ އެވެ.

އަދި ހަނގުރާމަ ނިމޭނެ ދުވަހެއް އަންދާޒާ ކުރެވިފައި ނުވާއިރު، ޔުކްރޭންގެ އާންމު އިންފްރަސްޓްރަކްޗާ އަށް ލިބޭ ގެއްލުން އެތައް ގުނައެއް އިތުރު ވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަމުރަށް ފެބްރުއަރީ 24 ގައި ފެށި ހަނގުރާމަ ދެވަނަ މަސް ގުނަމުން ދާއިރު ތަޖުރިބާކާރުން ގެންދަނީ ޔުކްރޭނަށް ލިބޭ ގެއްލުންތައް ހިސާބު ޖަހަމުންނެވެ.

ދިރާސާކުރާ މީހުން މިހާތަނަށް އެއްކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ޔުކްރޭންގެ 8،000 މަގު، ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ހަލާކުކޮށްފަ އެވެ.

ރަޝިއާގެ ހަމަލާތަކުގައި 260 ބްރިޖް ވަނީ ވައްޓާލާފަ އެވެ. އާންމުން ދިރިއުޅޭ 4،431 ގެދޮރާއި 92 ސިނާއީ ފެކްޓަރީ / ވިޔަފާރި މަރުކަޒުތައް ވަނީ ބިމާ ހަމަކޮށްފަ އެވެ.

ކިޔަވާ ކުދިންނަށް އުނގަނައިދޭ 378 މަރުކަޒަކާއި 138 ހެލްތު ސެންޓަރާއި ދެބަނދަރު އަދި 10 އަސްކަރީ އެއާޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްގެން ނޫން ގޮތަކަށް ބޭނުން ނުކުރެވޭ ވަރުކޮށްފަ އެވެ.

ޔުކްރޭނަށް ދީފައި ހުރި ގެއްލުން ތަކުގެ ތެރޭގައި އަށް ޕަވާ ޕްލާންޓް ބޭނުން ނުކުރެވޭ ވަރު ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ވެސް ހިމެނެ އެވެ.

ރަޝިއާ ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލު ހިފުމަށް ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި އިނގިރޭސިވިލާތް ގުޅިގެން ވަނީ އިގުތިސޯދީ ހަރުކަށި ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އަޅާފަ އެވެ.

އދ. އިން ބުނާ ގޮތުން ހަނގުރާމައި ސަބަބުން 1،081 މީހަކު ޔުކްރޭނުން ވަނީ މަރުވެފަ އެވެ. އަދި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު 1،707 ވަނީ ފަހަނަ އަޅާފަ އެވެ.

ހަނގުރާމައިން ފިލުމަށް ޔުކްރޭން ދޫކޮށް އަވައްޓެރި ގައުމުތަކަށް 3.7 މިލިއަން މީހުން ގޮސްފައިވާ ކަމަށް އދ. ގެ ހިސާބުތައް ބުނެ އެވެ.

އަދި ގޮތެއް ނެތި ހަދާނެ ގޮތް ހުސްވެފައި 6.5 މިލިއަން މީހުން ޔުކްރޭންގައި ތާށިވެފައި ތިބި ކަމަށް އދ. އަށް ލިބިފައި ހުރި ހިސާބުތަކުން އެނގެ އެވެ.