ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ނުރުހުން ސަލާމަތީ ބާރުތަކަށް

Mar 26, 2022

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ދިވެހި ރައްޔިތުން ނިކުންނަން ޖެހުނީ ގައުމުގެ ހިމާޔަތުގައި މަސައްކަތް ކުރަންޖެހޭ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން، އެބޭފުޅުންގެ ޒިންމާއަށް އިހްމާލުވެ، އޭގެ ތެރެއިން ބައެއް ބޭފުޅުން ގައުމަށް ޣައްދާރުވުމުން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ސަލާމަތީ ބާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ރައްޔިތުން ގައުމުގެ ހައްގުގައި ނިކުތީ ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ތިބޭ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން، އެބޭފުޅުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރައްވާތީ ކަމަށެވެ.

"ދިވެހި ރައްޔިތުން މަސައްކަތް ކުރަމުން އެދަނީ އެއްވެސް އުޖޫރައެއް ނެތި ހިލޭ ސާބަހަށް،" ރައީސް ޔާމީން ވިދާޅުވި އެވެ

އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދަން މަސައްކަތް ކުރި އިންޑިއާ އައުޓް ހަރަކާތް ފުލުހުން ހުއްޓުވީ އެ ހަރަކާތުގައި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުނުމަށްފަހު އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ހައްގުގައި ރައްޔިތުން ކުރަނީ ސަލާމަތީ ބާރުތަކަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަކުން ހުއްޓުވާލެވޭ ވަރަށް ވުރެ ވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތަކަށް ބުރަވެ އެތައް ބަޔަކަށް އަނިޔާކޮށް ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތު ކޯޓުގައި އެކަށީގެންވާ ގޮތަކަށް ފުލުހުންނަށް ހާމަކޮށްދެވިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މަގުތަކަށް މީހުން ނިކުމެ އުޅޭތީ އުދަގޫވެގެން މިއުޅެނީ މޯދީގެ ކޯލިޝަނަށް. އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ކޯޓުގައި ހާމަ ނުކުރާތީ ކަންބޮޑުވޭ. މި އިންޓަލިޖެންސް އުފައްދަނީ ވެސް އިންޓެލިޖެންސް ހޯދަނީވެސް އިންޑިއާއިން،" އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު މިރޭ ވެސް ޔަގީންކޮށްދެއްވީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ހިދުމަތްތެރިންނަށް އަމާޒުކޮށްފައިވާ ހަރަކާތެއް ނޫން ކަމެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ހިދުމަތް ބަލައިގަނެ އެ ބޭފުޅުންނަށް އިހްތިރާމް ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިންޑިއާ އައުޓް ހަރަކާތަކީ މިފަސްގަނޑުގެ މިނިވަންކަމަށްޓަކައި ހިންގާ ހަރަކާތެއް ކަމުގައިވެސް ވިދާޅުވި އެވެ.