ޣައްސާން މައުމޫން

ޕީޕީއެމްގެ ސަފުތައް ބިރަކަށް ނުސިހޭނެ: ޣައްސާން

ޕީޕީއެމްގެ ސަފުތައް ބިރަށް ނުސިހޭނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެން ދިޔަ"ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ޣައްސާން ވަނީ ހައްޔަރުކޮށްފައެވެ. ސައުވީސް ގަޑިއިރު ފަހުން ޣައްސާން ދޫކޮށްލީ އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ. ފުލުހުން އެދުނީ ޣައްސާންގެ ބަންދަށް މުއްދަތު ޖަހައި ދިނުމަށެވެ.

ޣައްސާން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުންޏެވެ. ކޯޓްގައިވެސް އެ ވާހަކަތައް ތަކުރާރުކުރި އެވެ. ނަމަވެސް ޝަރުތުތަކަކާއެކު ކޯޓުން ވަނީ ޣައްސާން މިނިވަން ކޮށްފައެވެ. ކޯޓުން ކުރި ތިން ޝަރުތަކީ މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށެވެ.

މިނިވަންވެވަޑައިގަތުމަށް ފަހު މިރޭ ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ސަފުތައް ބިރަކަށް ނުސިހޭނެ ކަމަށެވެ. އަދި ޕެޕާސްޕްރޭ އަކުން މައިދާނުން ފިލައިގެންވެސް ނުދާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ފަހަތްޕުޅުގައި ގަދަ އަޒުމުގައި ގައުމުގެ ދިފާއުގައި އިންޝާﷲ މިތިބީ ކެރިގެން،" ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެން ދިޔަ"ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 17 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ބަންދުގެ މުއްދަތު ދިނެވެ. ތިން މީހަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް އަދި ދެ މީހަކަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ބާކީ ތިބި ހަތަރު މީހަކަށް ޖަހައިދިނީ ދެ ދުވަހުގެ ބަންދުގެ މުއްދަތެކެވެ.