ދަޅުގައި މަސް ބަންދުކުރާއިރު ބޭނުންކުރާ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ މިފްކޯ އިން މަސް ދަޅު ބަންދުކުރުމަށް ކުރާ ހަރަދު 40 ޕަސަންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ ފަރާތުން މިކަން ހާމަކުރެއްވީ އެ ކުންފުނިން އަލަށް ބާޒާރަށް މިއަދު ނެރުނު ދެ ވައްތަރުގެ މަސްދަޅު ނެރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އެވެ.
ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ ދަޅުގައި މަސް ބަންދުކުރާއިރު ބޭނުންކުރާ ތެލުގެ އަގު މިދިޔަ ދުވަސްތަކުގައި 100 ޕަސަންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު މައްޗަށް ދާތީ ވެސް ހަރަދު ބޮޑުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ކަމުގައިވެސް ފައުޒީ ވިދާޅުވި އެވެ.
މަސް ދަޅު ބަންދުކުރުމަށް ކުރާ ހަރަދު ބޮޑުވި ނަމަވެސް ރޯދަ މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން ނުނިމެނީސް މަސް ދަޅު އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަންވެސް ފައުޒީ ދެއްވާފައިވެ އެވެ.
ރަޝިއާ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުުފުލިފައިވާތީ އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އަދި މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.