މާލޭ ސިޓީ ކައުންސިލް

ނަރީޝް ދޫކޮށްލަން ކައުންސިލުން ގޮވާލައިފި

Mar 27, 2022

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ފުލުހުން ނަރީޝް ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން "ނޭވާހޮޅިއަށް" ނަމުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދަން އުޅުނު އެއްވުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

ނަރީޝްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ދެ ދުވަސް ދީފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަރީޝް ހައްޔަރުކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ގާނޫނުއަސާސީން ލިބޭ ހައްގުތަކުގެ ދަށުން މިނިވަންކަމުގެ ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.

ނަރީޝް ހައްޔަރު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. ނަރީޝް އަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބެއްގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންކަމުން ނަރީޝް ހައްޔަރު ކުރުމަކީ ކައުންސިލަރެއްގެ ބާރު ކަނޑުވާލުމާއި އަޑު ކަނޑުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.