އެޗްޑީސީ

ހިޔާ ލޯކަލް މާރުކޭޓް ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

Mar 27, 2022

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާ "ހިޔާ ލޯކަލް މާރުކޭޓް" އިން ދޫކުރާ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ވަގުތީ ގޮތުން ހަދާ މާރުކޭޓުން ދޫކުރާ 19 ގޮޅިއަށް ކުރިމަތިލެވޭނީ ހިޔާ ފްލެޓް ލިބުނު މީހުންނަށް އެކަންޏެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުގައި ގޮޅި އަށް މަހު ފީގެ ގޮތުގައި 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

ގޮޅިއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެނީ މާދަމާ ހެނދުނު 9:00 އާއި 11:00އާ ދެމެދުގެ ވަގުތެއްގައި ހުރަވީ ސްކޫލުގެ ހޯލްގައި އެޗްޑީސީން ގާއިމުކޮށްފައިވާ މޭޒު ތަކަށެވެ.

ފޯމް ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވެސް ހުރަވީ ސްކޫލުގައި މާދަމާ ހެނދުނު 11:30 ގައެވެ.

އެޗްޑީސީން ބުނީ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމް ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކުން 1،500 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓް ވަގުތުން ދައްކަންޖެހޭނެ ކަމަށެވެ. އަދި ގޮޅި ލިބޭ މީހުންނަށް އެޗްޑީސީން ލިޔުމުން އެކަން އަންގާ ދުވަހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެއް މަހުގެ އެޑްވާންސް ކުލި ދައްކަންޖެހެ އެވެ.

ގޮޅި ކުއްޔަށް ދިން މުއްދަތު ހަމަވުމުން ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ލިބޭނެ އެވެ. ނަމަވެސް ގޮޅި ކުއްޔަށް ނެގި މުއްދަތުގެ ތެރޭގައި ގޮޅި ދޫކޮށްލައިފިނަމަ އެ ފައިސާ ނުލިބޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރާތާ ހަފްތާއެއްގެ ތެރޭގައި ގޮޅިތަކުން ހިދުމަތް ދޭން ފަށަންޖެހެ އެވެ. އެހެންނޫނީ އެއްބަސްވުން ބާތިލްވާނެ އެވެ.