އެޗްޑީސީ

ހިޔާ މާރުކޭޓް ގޮޅިތަކަށް 558 ފޯމް ހުށަހަޅައިފި

Mar 29, 2022

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާ "ހިޔާ ލޯކަލް މާރުކޭޓް" ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 558 ފަރާތަކުން ކުރިމަތިލައިފި އެވެ.

އެޗްޑީސީން ވަގުތީ ގޮތުން ހަދާ މާރުކޭޓުން ދޫކުރަން ނިންމާފައިވަނީ 19 ގޮޅި އެވެެ. އަދި އެ ގޮޅިތަކަށް ކުރިމަތިލުމަށް ފުރުސަތު ދިނީ ހަމައެކަނި ހިޔާ ފްލެޓް ލިބުނު މީހުންނަށެވެ.

އެޗްޑީސީން މިހާރު ވަނީ ގޮޅިތަކަށް ކުރިމަތިލި މީހުންގެ ފަރާތުން ގޮޅި ލިބޭ 19 މީހުން ގުރުއަތުން ހޮވާފަ އެވެ. އަދި ވެއިޓިން ލިސްޓްގައި ތިބެންޖެހޭ ގޮތަށް އިތުރު ފަސް ނަންބަރު ވެސް ގުރުއަތުން ނެގި އެވެ.

"އެއީ ކޮންމެވެސް ސަބަބަކާ ހުރެ އެންމެ ފުރަތަމަ ގުރުއަތުން ހޮވުނު 19 މީހުންގެ ތެރެއިން މީހެއްގެ ގޮޅި ދޫކޮށްލަންޖެހިދާނެތީ ބަދަލުގައި ލިބޭ މީހުންގެ ގޮތުގައި ގުރުއަތުން ނެގުނު ފަސް މީހުން،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުން ގޮޅި އަށް މަހު ފީގެ ގޮތުގައި 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

ގުރުއަތުން ހޮވުމާ އެކު 1،500 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓް ގުރުއަތުން ހޮވުނު މީހުން ދައްކާފައިވެ އެވެ. އަދި ގޮޅި ލިބޭ މީހުންނަށް އެޗްޑީސީން ލިޔުމުން އެކަން އަންގާ ދުވަހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެއް މަހުގެ އެޑްވާންސް ކުލި ވެސް ދައްކަންޖެހެ އެވެ.

ގޮޅި ކުއްޔަށް ދިން މުއްދަތު ހަމަވުމުން ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ލިބޭނެ އެވެ. ނަމަވެސް ގޮޅި ކުއްޔަށް ނެގި މުއްދަތުގެ ތެރޭގައި ގޮޅި ދޫކޮށްލައިފިނަމަ އެ ފައިސާ ނުލިބޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރާތާ ހަފްތާއެއްގެ ތެރޭގައި ގޮޅިތަކުން ހިދުމަތް ދޭން ފަށަންޖެހެ އެވެ. އެހެންނޫނީ އެއްބަސްވުން ބާތިލްވާނެ އެވެ.