ބޮލީވުޑް

ކާޖޮލް އާއި އަޖޭގެ ދަރިފުޅު ނީސާ – ރީތި މޮޑެލް އަކަށް!

އަޖޭ ދޭވްގަން އާއި ކާޖޮލްގެ އަންހެން ދަރިފުޅު ނީސާ ދޭވްގަން މޮޑެލް އެއްގެ ގޮތުގައި ތައާރަފްވި ފުރަތަމަ ފަހަރު ވެސް އޭނާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. މިހާރު ކުރިޔަށްދާ ލަކްމޭ ފެޝަން ވީކްގައި ނީސާ މޮޑެލް ކޮށްދިނީ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތުރާ އަށެވެ. މި ޝޯގައި މަނީޝް ހުށަހަޅައި ދިނީ "ޑިފިއުސް" ކިޔާ ކަލެކްޝަން އެކެވެ.

ނީސާގެ މޮޑެލް އެއްގެ ގޮތުގައި ފެނިލި ފުރަތަމަ ފެނިލުމުން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހޯދާފަ އެވެ. އެކި ކުލަކުލައިގެ ބްލޭޒާ އަކާއި ކުރު ޓޮޕެއް އަދި ފަޅާފައިވާ ސްކާޓެއްގައި މޮޑެލްކުރި ނީސާ ހާދަ ރީއްޗޭ އެންމެން ވެސް ބުނެފައި ވެއެވެ.

"ނީސާ ދޭވްގަން ހާދަ ރީއްޗޭ،" ނީސާ މޮޑެލް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން މަނީޝް ބުނެފައި ވެއެވެ. އެއާއެކު ކާޖޮލް އާއި އަޖޭގެ ފޭނުން ވަނީ ނީސާ އަށް އެތައް ހާސް މެސެޖެއް ފޮނުވާފަ އެވެ.

މެސެޖުކުރި އެކަކު ބުނެފައިވަނީ ނީސާ އަށް ލިބިފައިވަނީ އޭނާގެ މަންމަގެ ރީތިކަން ކަމަށެވެ. އަދި ބައްޕަގެ ހުންނަ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ސިފަ ވެސް ނީސާގެ އެބަހުރި ކަމަށެވެ.

މި ޝޯގައި މަނީޝްގެ ކަލެކްޝަން ދައްކާލި މޮޑެލުންގެ ތެރޭގައި ޖާންވީ ކަޕޫރާއި ޝަނާޔާ ކަޕޫރު ވެސް ހިމެނެ އެވެ. ފަހުން ނީސާ ވަނީ ޖާންވީ އާއި ޝަނާޔާ އާއެކު އަދި މަނީޝް އާއެކު ފޮޓޯނަގާފަ އެވެ. މި ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.