ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރެވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަވަނަ އައިޓަމަކަށް ހިމަނާފައި އޮތީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ޔޫތު މިނިސްޓަރު މަހްލޫފާ ކުރައްވާ ސުވާލެވެ.
ސައީދު ހުށަހެޅުއްވި ސުވާލުގައި ވިދާޅުވެފައިވަނީ ލ. ކުނަހަންދޫގައި މިއަހަރު ފުޓްސެލް ދަނޑަކާއި އައުޓްޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ ސައީދުގެ ސުވާލުގައި އައްސަވާފައިވަނީ އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ދުވަހެއް އޮޅުން ފިލުއްވައިދެއްވުމަށެވެ. އެމަސައްކަތް މިހާތަނަށް އެއްވެސް ގޮތަކަށް ކުރިއަށް ނުދާތީ އެކަމުގެ ތަފްސީލް ހިއްސާ ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔޫތު މިނިސްޓަރު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާތީ އެކަން މަޖިލީހުގެ އިދާރާ އަށް މިނިސްޓަރު އަންގަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ހާޒިރު ނުވާ ހާލަތުގައި ކަންކުރާނެ ގޮތް މަޖިލީހުގެ ގަވައިދުގައި އެބައޮތް ކަމަށެވެ. ނަމަވެސް ވަޒީރަކަށް ކަމެއް ދިމާވެގެން އެ ވަޒީރަކާ ސުވާލު ނުކުރެވޭ ހާލަތުގައި އަމަލުކުރާނެ ސީދާ ގޮތެއް މަޖިލީހުގެ ގަވައިދުގައި ނެތް ކަމަށެވެ.
"އެހެންނަމަވެސް ވަޒީރު ބޭފުޅަކު ހާޒިރުވެވަޑައިނުގެންފިނަމަ އެ ސުވާލު ދެމި ނޯންނާނެ ކަމަކަށް ވެސް މަޖިލީހުގެ ގަވައިދަކު ނުވޭ. އެހެންވީމާ އެ ސުވާލު އިއްޒަތްތެރި މެންބަރުގެ ސުވާލު ދެމި އެބައޮތް. ވަޒީރުގެ މައްޗަށް އޮތް ނޯޓިސް ވެސް ދެމި އެބައޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު މަހްލޫފްގެ ހާލުކޮޅު ރަނގަޅުވުމުން މެންބަރު ސައީދު ކުރެއްވި ސުވާލަށް ޖަވާބުދާރީވުމަށް މިނިސްޓަރަށް އަންގަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މެންބަރަކު ވަޒީރަކާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވުމުން އެ ސުވާލަށް ޖަވާބު ދެއްވުމަށް ވަޒީރު މަޖިލީހަށް ހާޒިރު ކުރަނީ މަދުވެގެން 14 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެވެ.