އަފްގާނިސްތާނުގައި، ތާލިބާނުން މިހާރު އަތްގަދަ ކުރަމުންދާ ހެލްމަންޑް އަވަށުގައި އަފްގާން ސިފައިންގެ ބާރު ދަށްވަމުންދާކަމަށް އޮފިޝަލުން ބުނެފި އެވެ.
އަފްގާން ސިފައިންގެ އޮފިޝަލަކު ބުނީ ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އަފްގާން ސިފައިންގެ 21 މީހުން މަރާލާފައިވާ ކަމަށެވެ.
ތާލިބާނުގެ ބާރުގެ ދަށުގައިވާ ސަންޖިން އަވަށުގައި ތާލިބާނުންނާއި އަފްގާން ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރުންތައްވަނީ އިތުރު ވެފައެވެ.
ހެލްމަންޑް ޕްރޮވިންސް އަކީ އިނގިރޭސި ސިފައިންނާއި އެމެރިކާގެ ސިފައިން ހިމެނޭ ފައުޖުތައް އަހަރު ތަކެއް ވާންދެން އެސަރަހައްދު އެހެން ބައެއްގެ ބާރުގެ ދަށަށް ދިޔަ ނުދިނުމަށް އެތައް މަސައްކަތްތަކެއް ކުރި އަވަށެކެވެ.
އަފްގާން ސިފައިންގެ ފައުޖަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ ބުދަ ދުވަހު އެމެރިކާ ސިފައިން ވަނީ ތާލިބާނުންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ތާލިބާނުގެ ތަރުޖަމާނު ޒަބިއުﷲ މުޖާހިދުވަނީ ސަންޖިން އަވަށުގައި އެމީހުންގެ ބާރު އިތުރަށް ވަރުގަދަ ވެފައިވާ ކަމަށް ބުނެފަ އެވެ.
ހެލްމަންޑް ޕްރޮވިންސްގެ ހަތަރު އަވަށް ތާލިބާނުގެ ބާރުގެ ދަށުގައި ވުމުން އަފްގާން ސިފައިންވަނީ ކާބޯތަކެއްޗަށް ޖެހިފަ އެވެ. އަފްގާން ފުލުހުން ބުނީ ކާ އެއްޗެއް ހޯދުމަށް ބޭރަށް ނުކުތުމަކީވެސް "އަމިއްލަ އަށް މަރުވުމަށް ދެވޭ ދައުވަތެއް" ކަމަށެވެ. އެގޮތުން އެތައް ސިފައިންނެއް މަރުވެ އެތައް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.
އަފްގާން ސިފައިންގެ އޮފިޝަލުން ބުނީ އަފްގާން ސިފައިންނަށް ހަމަލާދޭން ތާލިބާނުން ބޭނުންކުރަނީ ކުށެއް ނެތް އާއްމު ރައްޔިތުން ކަމަށާއި އެގޮތުން މިހާރު ފެނުގެ ހިދުމަތް އެސަރަހައްދުން ކަނޑާލާފައިވާ ކަމަށެވެ.
އަފްގާން ސިފައިން މިހާރުވަނީ ތަކުރާރުކޮށް އިތުރު ހެލިކޮޕްޓަރުތަކާއި ވައިގެ ހަމަލާތައް ދޭނެ ވަސީލަތްތައް ފޯރުކޮށްދޭން އެދިފަ އެވެ.
.