ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުޅުމީދޫ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިފި

Mar 28, 2022

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހަދާފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިފި އެވެ.

އެ ސެންޓަރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ހުޅުމީދޫ ރިހިބިލިޓޭޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ސަރުކާރުން މި މަޝްރޫއަށް 7.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.

ރިހިބިލިޓޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 12، 2020 ގައެވެ. ސެންޓަރުގެ މަސައްކަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ހުޅުމީދޫގައި ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަކީ 60 މީހުންގެ ޖާގައިގެ ތަނެކެވެ.

ސަރުކާރުން ގެންދަނީ ހުޅުމާލޭގައި ހާފްވޭ ހައުސް އަކާއި، މަސްތުވުމާއި ޑްރަގް ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގުޅިފަޅުގައި ރިމާންޑް ސެންޓަރެއް ވެސް ހިންގަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި، ކަސްޓަމްސްއާއި، ކަމާގުޅޭ މުއައްސަސާތަކުން މިދިޔަ ތިން އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށް ވުރެ ގިނަ ޑްރަގް އަތުލައިގެންފައިވެ އެވެެ.