ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުލީގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތުގެ ރިޕޯޓެއް ހެދުމަށް އެދިވަޑައިގެންފި

Aug 28, 2022
2

މ. މުލީގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާ ގުޅޭ ރިޕޯޓެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގެންނެވީ މުއްޔަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެެއްވި ކަންކަމާ ގުޅިގެންނެވެ.

މިބައްދަލުކުރެއްވުމުގައި މުލީ ކައުންސިލަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ އެރަށުގައި ވަރަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމުގައިވެސް ކައުންސިލަރުން ވިދާޅުވި އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވަނީ މުލީގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާ ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކް ފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައި ވުމާއި، މުލީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގެ ކައުންސިލް އިދާރާ ބާވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށް ގިރުމުގެ މައްސަލަ ހިމެނެވެ.

މީގެއިތުރުން ކައުންސިލަރުން ވަނީ ރައީސް ސޯލިހަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މުލީގެ ތަރައްގީއަށް މިސަރުކާރުން ކޮށްދޭ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރަމުން ގެންދާނެ ކަމަށާއި އެކަމާ ގުޅޭ ސާވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.