ހަބަރު

އާ ރަންވޭ ހަދަން ޗައިނާ ބީޔޫސީޖީއާ ހަވާލުކުރަނީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަޅާ އާ ރަންވޭގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އާ ރަންވޭ އެޅުމުގެ މަޝްރޫއަށް 373 ޑޮލަރު ޗައިނާގެ ލޯން އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.

ޓޫރިޒަމް މިނިސްޓަރު ރޭ ވަނީ، އާ ރަންވޭ އެޅުމަށް ބޭނުންވާ ފައިސާގެ ލޯން އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި ޗައިނާއަށް ފުރާވަޑައިގެންފިއެެވެ. ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫއަށް 373 މިލިއަން ޑޮލަރުގެ ލޯން އެހީ ލިބިފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެއާޕޯޓް ރަންވޭ އެޅުމާއި ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު އެންމެ ފަހު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޒަމީރުގެ އިތުރުން، ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހަމަދު ހުޝާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުނައްވަރު ބައިވެރިވެލައްވާނެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ޖެނެރަލް އާދިލް މޫސާ ވެސް މި މަޝްވަރާތަކުގައި ބައިވެރިވެލައްވާނެއެވެ.

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭ އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަލަށް އަޅަނީ 3600 މީޓަރުގެ ރަންވޭއެކެވެ. އާ ރަންވޭގެ މަސައްކަތް ނިމުމުން މިހާރު ބޭނުންކުރަމުންދާ ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލުކުރެވިގެންދާނެކަމަށް ޒަމީރު ވިދާޅުވިއެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ދާދިފަހުން ވަނީ އެއަރޕޯޓުގައި ފްލައިޓްތައް ޕާކްކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް އާ އޭޕްރަން އެއް ހުޅުވާފައެވެ.