ސްޓެލްކޯ

މެދުކެނޑުނު ހިދުމަތްތައް ސްޓެލްކޯއިން ފަށަނީ

Mar 28, 2022

ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިން ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ފެށުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ހިދުމަތްތައް އަލުން ފެށުމުގެ ގޮތުން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް އެކުންފުނީގެ ހެޑް އޮފީހުގައި މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުން ދިޔަ ހިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން ސްޓެލްކޯގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑުނެވެ.