ޑރ. އަބްދުﷲ މައުސޫމް

ސާބިއާގެ ޓޫރިޒަމް މިނިސްޓަރާ މައުސޫމް ބައްދަލު ކުރައްވައިފި

Mar 28, 2022

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ސާބިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު ޓަޓިޔާނާ މަޓިޗްއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު މައުސޫމް ސާބިއާ އަށް ވަޑައިގެންނެވީ މިނިސްޓަރު ޓަޓިޔާނާގެ ރަސްމީ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ މިނިސްޓަރުން ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ސާބިއާގެ 4،712 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ސާބިއާ އިން 623 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވެ އެވެ.