ބޭރު ކުޅިވަރު

ރޮނާލްޑޯ އަށް ފީފާ އެވޯޑް ހައްގެއް ނޫން: ކްރޮއިފް

ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުނު ނަމަވެސް، ރޮނާލްޑޯ އަށް އެ މަގާމު ހައްގެއް ނޫން ކަމަށް ނެދަލޭންޑްސްގެ ލެޖެންޑް ޔޯހަން ކްރޮއިފް ބުނެފި އެވެ.

ފީފާ އިން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ ހޯދީ ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ އާއ ބަޔާން މިއުނިކްގެ ޖަރުމަން ގޯލްކީޕަރު މެނުއެލް ނޯޔާއާ ވާދަކޮށްގެނެވެ.

މިދިޔަ އަހަރު ރެއާލްއާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކުރި ނަމަވެސް، ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ގައުމީ ޓީމުގައި އޭނާ އަށް ވިދާލެވޭ ގޮތެއް ނުވި އެވެ.

ނެދަލޭންޑްސްގެ ނޫހަކަށް ލިޔެދީފައިވާ ކޮލަމްއެއްގައި ކްރޮއިފް ބުނީ ރޮނާލްޑޯ އަށް ފީފާގެ މޮޅު ކުުޅުންތެރިއާގެ މަގާމު ހައްގެއް ނޫން ކަމަށެވެ.

"ފުޓްބޯޅައިގައި އެންމެ މަތީ ފަންތީގައި އަމިއްލަ ކާމިޔާބީތަކާއި ޓީމާއެކު ހޯދާ ކާމިޔާބީތަކަށް ބަލަންޖެހޭ. ތަފާތު ކުޅުމެއް ނުދައްކައި، މަދު މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިއަކަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ ވަރަށް ތާކުންތާކުން ނުޖެހޭ ކަމެއް،" ކްރޮއިފް ބުންޏެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކްރޮއިފް ބުނީ ފާއިތުވި ދެ އަަހރު ވެސް ފީފާ އެވޯޑް ރެއާލް މެޑްރިޑަށް ރޮނާލްޑޯއާއެކު މިހާރު ކުޅެމުންދާ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ހައްގު ކަމަށެވެ.

ޖަރުމަންގެ ގައުމީ ޓީމާއެކު ކްރޫސް މިިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 2013 ވަނަ އަހަރު ބަޔާނަށް ތިން ތަށި ކާމިޔާބުކޮށްދިނުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. -- އީއެސްޕީއެން