އެމްޑީޕީގެ ގޮނޑިތައް ގެއްލި އިންތިހާބުތަކުން ބަލި ވަނީ ރައްޔިތުންނަށް އިހުމާލުވަމުންދާތީ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި އެފަދައިން ވިދާޅުވީ ލ. ގަން ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ ހުށަހެޅި މައްސަލައަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގެ ތެރެއިން އެވެ.
އިންތި ވިދާޅުވީ ބައެއް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ކުޑަކުޑަ ފަރުވާވެސް ނުލިބޭ ކަމަށާއި މިއީ އެެންމެ އަވަަހަށް ރަނގަޅުކުރަން ޖެހޭ ކަންކަން ކަމަށެވެ. ވެރިކަން ކުރާ އެމްޑީޕީގެ ދައުރު ނިމެން ކުޑަތަންވަމުންދާ އިރު އެފަދަ ހިދުމަތްތައް ރަަނގަޅު ނުކުރެވި ދެން ވޯޓަކަށް ދާއިރު ރައްޔިތުން ބުނާނެ އެއްޗެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތް ތަހުގީގުކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ސަރުކާރުގައި ނެތް ކަަމަށް ބުނެ ވެސް އޭނާ ފާޑު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުން އެހާ ގިނަ ފައިސާ ގެއްލިގެން ދިއުމުން ކަންބޮޑުވާ ކަމަށެވެ.
"މި ކަހަލަ ކަންކަމުގެ ނަތީޖާހެން އަޅުގަނޑަށް ހީވަނީ މިހެން ބާއްވާ އިންތިހާބުތަކުން ވެސް އަޅުގަނޑުމެން މިހާރު ނާކާމިޔާބު ވަމުން ދަނީ. ކުރެންދޫ ދާއިރާއިން އެ ގެއްލިގެން ދިޔައީ އަޅުގަނޑުމެންގެ ގޮނޑިއެއް. ކަމެއް ކޮށްދޭނަމޭ ބުނަމަކުން މިހާރު ރައްޔިތުންނަށް ގަބޫލެއް ނުކުރާނެ. ކުރަން ޖެހޭނީ. ކޮށްދަ ދައްކަން ޖެހޭނީ" އިންތި ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްއިން އެމްޑީޕީއަށް ގޮނޑިތައް ގެއްލުނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިހުމާލުވުމުން ކަމަށެވެ.
އެގޮތުން ބޯހިޔާވަހި ކަމަކީ މާލެއާއި ރަށްރަށަށް ވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށާއި އެހެން ނަމަވެސް އެކަމާ މެދު އުއްމީދެއް ނެތް ކަަމަށެވެ.
"އެހެންވީމާ މިކަންކަމަށް އަޅުަގަނޑުމެން ވަރަށް ސަމާލުވެ އެޓެންޑްވެގެން މަސައްކަތް ފަށާ ދައްކައިގެން ނޫނީ އަޅުގަނޑުމެންނަކަަށް މިއަދަކު ހޯދާނެ ވޯޓެއް ނެތް ކަަމަށް އަޅުގަނޑުމެން ދެކެން" އިންތި ވިދާޅުވި އެވެ.