ހައިކޯޓް

ހުޅުމާލެ ބިމުގެ މައްސަލައިގައި ހައިކޯޓުން ދަށު ކޯޓުގެ ނިންމުމަށް ތާއީދު

Mar 29, 2022

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ވަނީ އެޗްޑީސީ އަށް ހުޅުމާލޭގެ ބިން ރަޖިސްޓްރީކޮށްދީފަ އެވެ. ނަމަވެސް މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު ހުޅުމާލެ އަކީ މާލޭގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލުން އެޗްޑީސީ އަށް ހަދައިދީފައިވާ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

ސިޓީ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު އެގޮތަށް ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ ކައިރީގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެޗްޑީސީން ފުރުސަތު ނުދިނުމުން އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ.

އެޗްޑީސީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު ސިޓީ ކައުންސިލުން އިސްތިއުނާފް ކުރުމާ ގުޅިގެން ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އެޗްޑީސީން އެދިފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ނިންމުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނުނެރިފަނަމަ އެކަމުގެ ސަބަބުން އެޗްޑީސީ އަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ހުކުމްގައި ބުނެފައިވަނީ އެޗްޑީސީ އަށް ހަދައިދީފައިވާ ރަޖިސްޓްރީ ބޭނުންކޮށްގެން އެޗްޑީސީން އެތައް މުއާމަލާތްތަކެއް ކޮށްފައިވާތީ ވަގުތީ އަމުރެއް ނުނެރިފަނަމަ ސިޓީ ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ އެޗްޑީސީ އަށް ލިބޭ ގެއްލުން މާބޮޑު ވާނެ ކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމީ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ބެންޗްގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.