މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ތައްޔާރުވެއްޖެ އެވެ.
ސިވިލް ކޯޓުގެ ނިންމުން ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.
އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:15 ގައެވެ.
އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާށެވެ. އަދި އޭގެ ކުރީން އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފައިވެ އެވެ
މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީ އަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އެ އަމުރާ ގުޅޭ މައްސަލަ ނިމެންދެން ނުވަތަ މަތީ ކޯޓަކުން އެ ބާތިލްކުރަން ދެން ސިވިލް ކޯޓުގެ އަމުރު ދެމިއޮންނާނެ އެވެ.
ސިވިލް ކޯޓުން އަމުރު ނެރުނީ ހުޅުމާލެ ތަރައްގީކުރުމަށް ކުރި ހަރަދާއި އެކަމަށްޓަކައި ނެގި ލޯނުތަކަކީ އެޗްޑީސީގެ ޒިންމާގައި އޮތް އެއްޗަކަށްވާތީ އެކަމަށްވެސް ބަލާފަ އެވެ. އަމުރުގައި ބުނެފައިވަނީ އެޗްޑީސީން ހުޅުމާލޭގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުންވެސް އެއްވެސް ކަމެއް ނުކުރުމަށެވެ.
އެޗްޑީސީން ހުޅުމާލޭގެ ބިން ހިއްކުމަށާއި ހައުސިން މަޝްރޫއުތަކަށް ލޯން ނަގާފައިވަނީ ހުޅުމާލޭގެ ބިން ބޭންކް ތަކުގައި ރަހުނުކުރުމަށްފަހު އެވެ. އެހެންވެ ލޯންތައް ދައްކާ ނުނިމެނީސް ހުޅުމާލެ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގާނޫނީ ގޮތުން ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުއްވިއިރު ހުޅުމާލެ އޮތީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމަނާފަ އެވެ.