ވޯޓާ ތީމް ޕާކް (ހުޅުމާލެ)

ވޯޓާ ތީމް ޕާކް އަތުލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ސިޓީ ހޮޓަލެއް ހެދުމަށް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ބިން ހަވާލުކުރަން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ވޯޓާ ތީމް ޕާކަކާއި ހަބުރީގެ ސިޓީ ހޮޓަލެއް އެޅުމަށް ޖުލައި 13، 2017ގައި އެޗްޑީސީން ފުރަތަމަ އެއްބަސްވުން ހެދީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ އެކު އެވެ. ގާތްގަނޑަކަށް 235 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އޭރު ބެލެވުނު މިމަޝްރޫއަށް ބޭނުންވާ ބިން ކުއްޔަށް ދިނީ 35 އަހަރަށް އަކަފޫޓަކަށް ދެ ރުފިޔާގެ ރޭޓުންނެވެ.

މިރީ ކުންފުނިން ފަހުން ވަނީ މިމަޝްރޫއުގައި ހިމެނޭ އެ ކުންފުނީގެ ހުރިހާ ހައްގެއް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

މިމަޝްރޫއުގެ މަސައްކަތް ނިންމަން ދިން އެއް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ އާއި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައިވާތީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށް ނޯޓިސް ފޮނުވީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޑީސީގެ ނޯޓިސްގައި އެއްބަސްވުން ބާތިލްކުރި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ބިން ހަވާލުކުރުމަށްވެސް އަންގާފައިވެ އެވެ.

އެޗްޑީސީން މީގެކުރިން ވަނީ ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހޮޓާ އަޅަން ވޯޓާ ފްރަންޓް ހޮޓެލްއަށް މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް އުޅޭތޯ ބެލުމަށް އޭސީސީން ބަލަމުންދާ މައްސަލަ އަވަސްކޮށްދިނުމަށް އެ ކޮމިޝަންގައިވެސް އެދިފަ އެވެ.

އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ ނޯޓިހަށް އަމަލުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެޗްޑީސީގެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ވޯޓާ ފްރަންޓް ކުންފުނިން ސިވިލް ކޯޓުގައި ބުނީ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެޗްޑީސީން އަމަލުކުރާ ގޮތްތަކެއްގެ ސަބަބުން އެ ކުންފުންޏަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ނޯޓިހަށް އަމަލުކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފިނަމަ ލިބޭނެ ގެއްލުން ބޮޑީ އެޗްޑީސީއަށް ކަމަށްވާތީ ވަގުތީ އަމުރު ނެރުމަށް އެޗްޑީސީން ވަނީ ދެކޮޅު ހަދާފަ އެވެ.

ވަގުތީ އަމުރެއް ނެރެންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ވޯޓާ ފްރަންޓް ކުންފުންޏަށް ދެއްކިފައި ނުވާތީ ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް މިމަހުގެ ހަތަރުވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ އެފަދަ އަމުރެއް ނެރެދިނުމަށް ދެކޮޅު ހައްދަވާފަ އެވެ.

ސިވިލް ކޯޓުގެ ނިންމުން ވޯޓާ ފްރަންޓް ކުންފުނިން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ނެރުނު އަމުރުގައިވަނީ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ވޯޓާ ފްރަންޓް ކުންފުންޏާ އެކު އެޗްޑީސީ އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ބިން ހަވާލުކުރަން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ.

ހައިކޯޓުން އެގޮތަށް ނިންމީ އިސްތިއުނާފު ކޮށްފައިވާ މައްސަލައާ މެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެޗްޑީސީން އަމަލުކުރާ ގޮތަކުން މައްސަލައިގެ ހާލަތަށް ބަދަލު އަތުވެދާނެތީ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ ހައިވޭއާ ދިމާލުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މި ތަނުގައި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލްތައް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއްވެސް ހަދަން ނިންމާފައިވެ އެވެ.

މިސަރަހައްދުގައި ހަދަން ނިންމީ 50 ކޮޓަރީގެ ހޮޓާ ހަދަން ނިންމީވެސް ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި އަގު ހެޔޮކޮށް ކޮޓަރި ވެސް ލިބޭ ގޮތަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މިމަޝްރޫއު، ވެރިކަން ބަދަލުވި ފަހުން ކުރިއަށްދާ ތަނެއް ނުފެނެ އެވެ.