ވޯޓާ ތީމް ޕާކް (ހުޅުމާލެ)

ވޯޓާ ތީމް ޕާކްގެ އެއްބަސްވުން ބާތިލްކޮށް ބިން އަތުލަނީ

Sep 4, 2022
1

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހެދުމަށާއި ސިޓީ ހޮޓަލެއް ހެދުމަށް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ބިން ހަވާލުކުރަން އަންގައިފި އެވެ.

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ވޯޓާ ތީމް ޕާކަކާއި ހަބުރީގެ ސިޓީ ހޮޓަލެއް އެޅުމަށް ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. މަސައްކަތް ނިންމަން ދިން އެއް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ އާއި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައިވާތީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށް ނޯޓިސް ފޮނުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޑީސީގެ ނޯޓިސްގައި އެއްބަސްވުން ބާތިލްކުރި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ބިން ހަވާލުކުރުމަށްވެސް އަންގާފައިވެ އެވެ.

އެޗްޑީސީން މީގެކުރިން ވަނީ ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހޮޓާ އަޅަން ވޯޓާ ފްރަންޓް ހޮޓެލްއަށް މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް އުޅޭތޯ ބެލުމަށް އޭސީސީން ބަލަމުންދާ މައްސަލަ އަވަސްކޮށްދިނުމަށް އެ ކޮމިޝަންގައިވެސް އެދިފަ އެވެ.

އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ ނޯޓިހަށް އަމަލުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެޗްޑީސީގެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ވޯޓާ ފްރަންޓް ކުންފުނިން ކޯޓުގައި ބުނީ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެޗްޑީސީން އަމަލުކުރާ ގޮތްތަކެއްގެ ސަބަބުން އެ ކުންފުންޏަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ނޯޓިހަށް އަމަލުކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފިނަމަ ލިބޭނެ ގެއްލުން ބޮޑީ އެޗްޑީސީއަށް ކަމަށްވާތީ ވަގުތީ އަމުރު ނެރުމަށް އެޗްޑީސީން ވަނީ ދެކޮޅު ހަދާފަ އެވެ.

ވަގުތީ އަމުރެއް ނެރެންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ވޯޓާ ފްރަންޓް ކުންފުންޏަށް ދެއްކިފައި ނުވާތީ ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ވަނީ އެފަދަ އަމުރެއް ނެރެދިނުމަށް ދެކޮޅު ހައްދަވާފަ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ ހައިވޭއާ ދިމާލުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މި ތަނުގައި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލްތައް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއްވެސް ހަދަން ނިންމާފައިވެ އެވެ.

މިސަރަހައްދުގައި ހަދަން ނިންމީ 50 ކޮޓަރީގެ ހޮޓާ ހަދަން ނިންމީވެސް ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި އަގު ހެޔޮކޮށް ކޮޓަރި ވެސް ލިބޭ ގޮތަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މިމަޝްރޫއު، ވެރިކަން ބަދަލުވި ފަހުން ކުރިއަށްދާ ތަނެއް ނުފެނެ އެވެ.