ކުރެންދޫ

ކުރެންދޫން ޔާމީނަށް ހޫނު މަރުހަބާއެއް

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަަޑައިގަތީ ދެންމެ އެވެ. ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ޕީޕީއެމްގެ އިސްތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކުރެންދޫ ބައި އިލެކްޝަންގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާނެ އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އިސްމާއީލް މަދީހް އާއި އެމްޑީޕީގެ ފަރާތުން އަލީ ނަސީމެވެ.

އަލީ ނަސީމަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދަކީ 564 އެވެ. އިސްމާއީލް މަދީހަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދަކީ 614 އެވެ.

މި އިންތިހާބުގައި 1198 މީހަކު ވޯޓްލާފައިވެއެވެ. ސައްހަ ވޯޓްގެ އަދަދަކީ 1178 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 20 ވޯޓް ގުނާފައިވެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބާއި ދިމާކޮށް އެމްޑީޕީ އާއި ޕީޕީއެމުން ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. ކެމްޕެއިނަށް ރައީސް ނަޝީދާއި ސަރުކާރުގެ ވަރަށް ގިނަ މިނިސްޓަރުން ކުރެންދޫއަށް ވަޑަައިގަތެވެ. ބައެއް މަޝްރޫއުތައް އަވަސްކޮށް ބައެއް މަސައްކަތްތަކުގެ އަމަލީ ބައި ފެށިއެވެ.

މި އިންތިހާބާ ދިމާކޮށް ރައީސް ޔާމީނާއި އިދިކޮޅުގެ އިސް ވެރީންވެސް ވަނީ ކުރެންދޫއަށް ވަޑައިގެން ކެމްޕެއިން ހިންގަވާފައެވެ.