ފާއިތިވި ތިން އަހަރުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހެދުމުގެ މަސައްކަތަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖޫމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނާ އެއް ގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ހިދުމަތަކަށް ހެދުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުން ހޯދުނު ކުރިއެރުންތަކާއި ނަތީޖާ ތަކަކީ ފަހުގެ ތާރީހެއްގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީ ތަކެއް ކަމަށެވެ.
އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި ގުޅިފައިވާ ކޮންމެ ކަމެއްގައި މިއަދު ފުލުހުންގެ ދައުރެއް ވާ ކަމަށް ވިދާޅުވި އެވެ. ސީޕީ ވިދާޅުވީ މިއަދު ރާއްޖޭގައި ހޭދަވާ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުވެ މުއާމަލާތް ކުރެވެމުންދާ ކަމަށާއި އެއީ ރައްޔިތަކަށް ކުރިމަތިވެފައިވާ ނުރައްކަލެއް ނައްތާލުމަށް ނުވަތަ މައްސަލައެއް ހައްލުކޮށްދިނުމަށް ނުވަތަ ގާނޫނުން ލިއްބައިދޭ ރައްކާތެރިކަމެއް ހޯދައިދިނުމަށް ފުލުހުން ރައްޔިތުންނާ ބައްދަލުކުރާ ނިސްބަތް ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރި އަމާން މުޖުތަމައެއް ގާއިމު ކޮށްދިނުމަށް 2019 ވަނަ އަހަރުން ފެށިގެން ފާއިތުވި ތިން އަހަރު ގިނަ ގުނަ މަސައްކަތް ތަކެއްކޮށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އިންޓެލިޖެންސްއަށް ބިނާކޮށް 300 އަށްވުރެ ގިނަ އޮޕަރޭޝަންތައް ހިންގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 46 ކެފޭއެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރު މަސްތުވާތަކެތީގެ 5052 މައްސަލައެއް ފުލުހުންނަށް ހުށަހެޅި 4629 މައްސަލަ ނުވަތަ 92 އިންސައްތަ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާކަމަށް ވިދާޅުވިއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލަައިގެންފައިވާ ކަމަށާއި ފާއިތުވި 10 އަހަރު ނައްތާނުލެވި ހުރި 1.8 ޓަނުގެ މަސްތުވާތަކެތި މިދިޔަ ތިން އަހަރު ތެރޭގައި ނައްތާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބަނގުރަލާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ތެރެއިން 277 އޮޕަރޭޝަނެއް ހިންގައި އެ އޮޕަރޭޝަންތަކުން 11441 ބަނގުރާ ފުޅި އަދި ދަޅު އަތުލާފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މީގެ އިތުރުން އާންމު ކުށުގެ މައްސަލަތަކާއެކު 41243 މައްސަލައެއް މިދިޔަ ތިން އަހަރު ފުލުހުންނަށް ހުށަހާފައިވާ ކަމަށާއި އޭގެތެރެއިން 27137 މަސައްލައިގެ ތަހުގީގު ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ތިން އަހަރު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު،އެ މުއްދަތުގައި ރޭޕްކުރުމުގެ މައްސަލަތަކުގެ ތެރެއިން 69 މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އެ މުއްދަތުގައި ޓެރެރިޒަމާއި ގުޅުންހުރި 75 އިންސައްތަ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.