ހޮލީވުޑް

ވިލް ސްމިތުގެ ތަފާލުން ހޮލީވުޑަށް ލޮޅުން އަރައިފި!

މިދިޔަ އާދީއްތަ ދުވަހު އޮތް އޮސްކާ އެވޯޑު ހަފުލާގައި އެންމެ މޮޅު އެކްޓަރަކަށް ހޮވުނު ވިލް ސްމިތު ވަނީ ކޮމޭޑިއަން ކްރިސް ރޮކްގެ މޫނުގައި ހޫނު ތަފާލެއް ޖަހާފަ އެވެ. ވިލް ސްމިތު ރުޅިއައީ އޭނާގެ އަންހެނުން ޖަޑާ ޕިންކެޓް ސްމިތުގެ ބޯ ބާލާފައި ހުންނަ ހުރުމާ ގުޅޭ ގޮތުން ކްރިސް ރޮކް ޖޯކް ޖެހުމުންނެވެ. އޭނާ ބުނީ ޖަޑާ ބޯ ބާލާފައި ހުރީ އެލޮޕޭޝިއާ ކިޔާ ބައްޔެއް ޖެހިގެން ބޮލުން އިސްތަށި ފައިބައިގެން ހެން އޭނާއަށް ހީވާ ކަމަށެވެ.

ރޮކް މި ކޮމެންޓު ކުރުމުން އައި ރުޅީގައި ވިލް ވަނީ ސްޓޭޖަށް އަރައި ވިލްގެ މޫނުމަތިގައި ވަރަށް ބާރު އެތިފަހަރެއް ޖަހާފަ އެވެ.

ވިލް އަޅައިލި ތަފާލާ ގުޅިގެން ހުޅަނގުގެ ފިލްމު އިންޑަސްޓްރީ ވަނީ ދެބައި ވެފަ އެވެ. އެއްބަޔަކު ބުނަނީ ވިލް ކަންތައް ކުރީ ރަނގަޅަށް ކަމަށެވެ. އަނެއް ބަޔަކު ބުނީ ކޮންމެ އެއްޗެކޭ ކިޔަސް ޖަހައިގެން ނުވާނެ ކަމަށެވެ.

ކްރިސްގެ މޫނުމަތީގައި ޖެހުމަށް ފަހު ވިލް ސްމިތު ވަނީ އޭނާގެ ކިބައިންނާއި އޮސްކާ އިންތިޒާމްކުރާ ފަރާތުން މައާފަށް އެދިފަ އެވެ. އަދި އެއީ އޭނާ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިލް ބުނެފައި ވެއެވެ.

އަދި ފަހުން އިންސްޓަގްރާމްގައި ވިލް ސްމިތު ވަނީ ރޮކްގެ ކިބައިން ރަސްމީކޮށް މައާފަށް އެދި ޕޯސްޓެއް ޖަހާފަ އެވެ. މި ޕޯސްޓްގައި އޭނާ ކުރި ކަންތައްތަކަކީ "އެއްވެސް އުޒުރެއް ދެއްކޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ހޮލީވުޑް ބައެއް މީހުން ބުނަނީ މިއީ ބެސްޓް އެކްޓަރުގެ އެވޯޑު ވިލް ސްމިތު އަތުން އަތުލަން ޖެހޭ ވަރުގެ ކުށެއް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު އެގޮތެއް ބޭނުމެއް ނުވެ އެވެ.

"އަހަރެންނަށް ހަގީގަތުގައި ވެސް ގަބޫލެއް ނުކުރެވޭ ވިލް ސްމިތު ކުރި ކަމަކީ އޭނާއަށް ހައްގު އޮސްކާ އެވޯޑެއް އަތުލަން ޖެހޭ ވަރުގެ ކަމެއް ކަމަކަށް. އޭނާ މަކަރު ހަދައިގެން އެ އެވޯޑު ހޯދިކަން އެނގިގެނެއް ނޫން މި އުޅެނީކީ. އެހެންވީމަ ދެވަނަ އަށް އައި މީހާއަށް އޭނާއަށް ލިބުނު އެވޯޑު ދޭކަށް ނުޖެހޭނެ،" ހޮލީވުޑް މަޝްހޫރު ލިޔުންތެރިޔާ މާކް ހެރިސް ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ހޮލީވުޑް ރިޕޯޓާ ނޫހުގެ ކުރީގެ އެޑިޓަރު މެތިއު ބެލޯނީ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ވިލް ސްމިތުގެ މި ތަފާލުގެ ސަބަބުން އޭނާގެ އަތުން އޮސްކާ އެވޯޑު އަތުލާނެ ކަމަކަށް ނުބެލެވެ އެވެ.

"އަހަރެންނަށް ހީވަނީ އޮސްކާ އެވޯޑަކީ އޭނާ ކުރި މަސައްކަތުން ހޯދި އެއްޗަކަށް ވާތީ އެއެއް ނާތުލާނެހެން. އަބަދު ދޭން ޖެހޭނީ އޭނާ ކުރި ކުށަށް،" ބެލޯނީ ބުނެފައި ވެއެވެ.

އަދި އޮސްކާ އެކަޑަމީގެ މެމްބަރުކަމުން ވިލް ސްމިތު ވަކި ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބެލޯނީ ބުންޏެވެ.

"އަހަންނަށް ހީވަނީ ހައެއްކަ މަސް ދުވަހުގެ ނޫނީ އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނެއް އަތުވެދާނެހެން. ވިލް ސްމިތު ކަންތައް ކުރި ގޮތުން އޮސްކާ އެވޯޑު ހަފުލާ އަށް ލިބުނު ހުތުރު ނަމާހެދި އެކަޑަމީން ވަނީ ހިތްހަމަނުޖެހިފައި. ވަރުގަދަ އަދަބެއް ވިލް ސްމިތަށް ދޭނެ ކަމަށް އަހަރެން ޔަގީން ކުރަނީ،" ބެލޯނީ ބުންޏެވެ.

"އެކަޑަމީގެ މެމްބަރެއްގެ ހައިސިއްޔަތުން ވިލް ސްމިތާ މެދު ޑިސިޕްލިނަރީ އެކްޝަން ނަގަން އަހަރެން އެކަޑަމީ އަށް ގޮވާލަން. އަހަރެމެންގެ މުޅި ކޮމިއުނިޓީގެ އަގު އޭނާ މިރޭ އެ ވައްޓާލީ އެންމެން ކުރިމަތީގައި،" ހޮލިވުޑް ޕްރޮޑިއުސަރު، ޑައިރެކްޓަރު އަދި އެކަޑަމީ މެމްބަރު މާޝަލް ހާޒްކޯވިޗް ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

ނަމަވެސް ވިލް މައާފަށް އެދި ޝެއާ ކުރި ޕޯސްޓުން ރުޅި ގަދަވެފައިވާ ގިނަ މީހުންގެ ރުޅި ވަނީ ކޮންމެވެސް ވަރަކަށް މައިތިރިވެފަ އެވެ.