ހޮލީވުޑް

އޮސްކާ އެވޯޑު ހާސިލުކުރި މިޝޭލް އަކީ އާމިރުގެ ފޭނެއް

ލޮސް އެންޖަލިސްގައި ދާދިފަހުން ބޭއްވި 95 ވަނަ އެކަޑަމީ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑު ހާސިލުކުރި މިޝޭލް ޔިއޯ އަކީ ވަރަށް ބޮޑަށް އާމިރު ޚާން ސަޕޯޓްކުރާ ފޭނެކެވެ. މިޝޭލް އަކީ މި އެވޯޑު ހާސިލުކުރި އޭޝިޔާގެ ފުރަތަމަ ބަތަލާ ވެސް މެއެވެ.

މިޝޭލް، 60، އަކީ މެލޭޝިއާ އަށް އުފަން މީހެކެވެ. އޭނާ ކެރިއަރު ފަށާފައިވަނީ ހޮންގްކޮންގްގެ އެކްޝަން ސީރީޒް އަކުންނެވެ. އޭނާ ވަނީ 1997ގައި ރިލީޒްކުރި ޖޭމްސް ބޮންޑް ފިލްމް "ޓުމޯރޯ ނެވާ ޑައިޒް" އާއި އަންގް-ލީގެ އޮސްކާ އެވޯޑު ލިބުނު "ކްރޯޗިން ޓައިގާ، ހިޑްން ޑްރެގަން (2000)ގައި ބަތަލާގެ ބައި ކުޅެގެން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފަ އެވެ.

އޮސްކާ އެވޯޑާ ހަވާލުވުމަށްފަހު މިޝޭލް ދެއްކީ ވަރަށް ރަނގަޅު އެހާމެ ހިތްވަރުގަދަ ވާހަކަ ތަކެކެވެ. "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް"ގެ ބަތަލާ ބުނި ގޮތުގައި އޮސްކާ އަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ.
"ތިބާގެ ޒަމާން ހިނގައްޖޭ އެއްވެސް މީހަކު ތިބާއާ ދިމާލަށް ބުނިޔަ ނުދޭތި!" އޮސްކާ ސްޓޭޖުގައި މިޝޭލް ދެއްކި ވާހަކަގައި ބުންޏެވެ.

އާމިރު އާ ގުޅޭ ގޮތުން މިޝޭލް ވާޙަކަ ދައްކާފައިވަނީ މީގެ އެތައް އަހަރެއް ކުރިން ނަމަވެސް އޭނާއަށް އޮސްކާ އެވޯޑު ލިބުމާ ގުޅިގެން މި ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑީއޯ އަލުން ވައިރަލް ވެގެން އުޅެނީ އެވެ.
އާމިރު އާ އެކު ފިލްމެއް ކުޅުމަކީ ވެސް މިޝޭލްގެ ހުވަފެނެއް ކަމަށް އޭނާ މި އިންޓަވިއުގައި ބުނެފައި ވެއެވެ.

"އަހަރެން އަދި އާމިރު އާއެކު މަސައްކަތެއް ނުކުރަން. ނަމަވެސް އަހަރެމެން ދެ މީހުންނަކީ 'ލިވް ޓު ލަވް" ކިޔާ އެންޖީއޯއެއްގެ ބްރޭންޑް އެމްބެސެޑަރުން. މި އެންޖީއޯ އަކީ ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންޖީއޯއެއް. އަހަރެންނަކީ އާމިރުގެ އެކްޓިން ފޭނެއް. އޭނާއަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ވެސް ނަމޫނާއެއް. ކޮންމެވެސް ދުވަހަކުން އާމިރު އާ އެކު ފިލްމެއް ކުޅެލަން ވަރަށް ބޭނުން" މިޝޭލްގެ ދުވަސްވީ އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.

މިޝޭލް ވަނީ އާމިރުގެ "ތުރީ އިޑީއަޓްސް" އަށް ވެސް ވަރަށް ތައުރީފުކޮށްފަ އެވެ.

މިޝޭލްގެ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" އަށް އެކި ކެޓަގަރީތަކުން ހަތް އޮސްކާ އެވޯޑު ލިބިފައި ވެއެވެ. އޭގެ ތެރޭގައި މިޝޭލް އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑުގެ އިތުރުން ބެސްޓް ޕިކްޗާ އަދި ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ވެސް ހިމެނެ އެވެ.