ހޮލީވުޑް

"ދި އިލަފަންޓް ވިޝްޕަރާސް" އާއި 'ނާޓޫ ނާޓޫ" އަށް އޮސްކާ އެވޯޑު

އިންޑިއާގެ ދެ އަންހެން ޑައިރެކްޓަރަކު އުފެއްދި ޑޮކިއުމެންޓްރީއެއް ކަމަށްވާ "ދި އިލަފަންޓް ވިޝްޕަރާސް" އަށް ބެސްޓް ޑޮކިއުމެންޓްރީ ޝޯޓް ސަބްޖެކްޓް"ގެ އޮސްކާ އެވޯޑު ލިބިއްޖެ އެވެ.

ކާތިކީ ގޮންޒަލްވެސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ގުނީތު މޮންގާ އެވެ. އަދި އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް"ގެ 'ނާޓޫ ނާޓޫ" ލަވަ އަށް "ބެސްޓް އޮރިޖިނަލް ސޯންގް"ގެ އޮސްކާ އެވޯޑު ލިބިފައި ވެއެވެ. މި އެވޯޑާ ހަވާލުވީ އެ ލަވައިގެ ކޮމްޕޯޒާ އެމްއެމް ކީރަވާނީ އެވެ.

ރާއްޖޭ ގަޑިން ބަލާއިރު، ހޯމަ ދުވަހުގެ ފަތިހުން ފެށިގެން ކުރިއަށް ދާ އޮސްކާސް 2023ގައި މިހާތަނަށް އިއުލާން ކުރެވުނު އެވޯޑުތަކުގެ ތެރެއިން ދެ އެވޯޑު އިންޑިޔާއަށް ލިބުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ސަބަބަކީ މިހާތަނަށް އިންޑިޔާ ބަޔަކު އުފެއްދި އިންޑިޔާ ފިލްމަކަށް މި ކެޓަގަރީތަކުން އެވޯޑެއް ލިބިފައި ނުވާތީ އެވެ.

ލޮސް އެންޖަލިސްގެ ޑޮލްބީ ތިއޭޓަރުގައި މިހާރު ކުރިޔަށްދާ އޮސްކާ އެވޯޑުގައި "ނާޓޫ ނާޓޫ" ލަވައިގެ ޕާފޯމަންސަށް ސްޓޭންޑިން އޮވޭޝަން އެއް ލިބިފައި ވެއެވެ. މި ޕާފޯމަންސް ތައާރަފްކޮށްދިނީ ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އެވެ. އަދި ލަވަ ޕާފޯމްކުރީ އެކްޓަރު އަދި ނެށުންތެރިޔާ ލޯރެން ގޮޓިލެބް އާއި އޭނާއާއެކު ބައިވެރިވި ނެށުންތެރިންނެވެ.