ހޮލީވުޑް

އެމެރިކާއަށް ދިޔައީ އަރާމުގައި އެކްޓްކުރުން ފޫހިކަމެއް ވީމަ: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްޅާގެ އާ ސައިންސް-ފިކްޝަން ސީރީޒް "ސިޓަޑެލް" ރިލީޒްކުރާ ދުވަސް ކައިރިވަމުންދާތީ ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން މިދުވަސްވަރު އޭނާ ގެންދަނީ އެކިއެކި އިންޓަނޭޝަނަލް މީޑިއާތަކަށް އިންޓަވިއު ދެމުންނެވެ.

މީގެން އެއް އިންޓަވިއުގައި ޕްރިޔަންކާ ވަނީ އޭނާ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ސަބަބާއި ބޮލީވުޑްގައި އޭނާއާއެކު މަސައްކަތްކުރި ކުޅަދާނަ އެކްޓަރުން ހޮލީވުޑް ފިލްމުތައް ކުޅެން ބޭނުން ނުވާ ސަބަބާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޕްރިޔަންކާ ނެގީ ޝާހް ރުކް ޚާންގެ އިންޓަވިއު އެއްގައި އޭނާ ބުނެފައިވާ ވާހަކަ އެވެ. ޝާހް ރުކް ބުނީ ބޮލީވުޑްގައި އޭނާއަށް މާ އަރާމުގައި ފިލްމު ކުޅެވެން އޮތީމަ ކޮންމެހެން ހޮލީވުޑަށް ދާންވީ ކީއްކުރަން ހެއްޔޭ؟ އެވެ.

ޝާޙް ރުކްގެ މި ވާހަކައަށް ޖަވާބު ދެމުން ޕްރިޔަންކާ ބުނީ އަރާމުކޮށް އުޅުމަކީ އޭނާއަށް ވަރަށް ފޫހި ގޮތެއް ކަމަށެވެ. އޭނާއަށް ހޮލީވުޑްގައި މަސައްކަތްކުރުމުން އަރާމާއި ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

"އަހަރެން ފޮނިކަނޑަނީކީ ނޫން. އަހަރެން އަމިއްލައަށް ގަބޫލުކުރާ ގޮތުގެ ވާހަކަ މި ދައްކަނީ. އަހަންނަށް އެނގޭނެ ސެޓަކަށް ވަދެގެން އަންނައިރު އެ ތަނެއްގައި އަހަރެންނަށް ކުރަން ޖެހޭނީ ކޮން ކަމެއްކަން. ކޮންމެހެން އެގްޒެކެޓިވުން ކުރެން އަހާކަށް ބޭނުމެއް ނުވާނެ ކޮން ކަމެއްތޯ ކުރަންވީކީ،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާއަށް އޮޑިޝަން ވެސް ދޭން ކެރޭނެ އެވެ. އަދި މަސައްކަތް ކުރަން ވެސް އޭނާ ހުންނާނީ ތައްޔާރަށެވެ. އެއް ގައުމަކުން ލިބުނު ކާމިޔާބީގެ ބަރުދަން ހިފައިގެން އަނެއް ގައުމަކަށް ނުދާކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

"އަހަރެންގެ އެއްވެސް އީގޯއެއް ނޯންނާނެ. އަހަންނަކީ ވަރަށް ޕްރޮފެޝަނަލް މީހެއް. އެންމެންނަށް ވެސް އެނގި މަޝްހޫރުވެފައިވާ ކަމެއް އެއީ،" ޕްރިޔަންކާ ބުންޏެވެ.

އެމެރިކާގެ އެންޓަޓައިންމަންޓް އިންޑަސްޓްރީގައި ޕްރިޔަންކާ މަސައްކަތްކުރާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި ވަރަށް ކާމިޔާބު ގިނަ ޕްރޮޖެކްޓްތަކެއް އޭނާ ނިންމާފައި ވެއެވެ. ޕްރިޔަންކާ މިހާރު ހުރި މަގާމަކީ ބޮލީވުޑްގެ އެއްވެސް އެކްޓަރަކަށް މިހާތަނަށް އާދެވިފައިވާ ހިސާބެއް ނޫނެވެ. އަދި މީން ޒަމާނަކުވެސް ބޮލީވުޑް އެހެން އެކްޓަރަކަށް މި ހިސާބަށް އާދެވިދާނެކަމާ މެދު ވެސް ޝައްކެވެ.

ރިޗަޑް މެޑަން އާއި ސްޓޭންލީ ޓަކީ، ލެސްލީ މެންވިލް، އެޝްލީ ކަމިންގްސް އާއެކު ޕްރިޔަންކާ ކުޅެފައިވާ "ސިޓެޑަލް"ގައި އޭނާ ކުޅެފައިވަނީ ނާދިއާ ސިން ކިޔާ ޖާސޫސޭއްގެ ރޯލެވެ.

މި ސީރީޒް އަންނަ އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ބަލާލެވޭނެ އެވެ.