ހޮލީވުޑް

"ދި އިލެފެންޓް ވިޝްޕަރާސް": ރަގޫ އާއި އައްމޫ ދެކިލަން ގިނަ ބަޔަކު ކިއޫގައި

ގުނީތު މޮންގާ އާއި ކާތިކީ ގޮންސަލްވެސްގެ "ދި އިލެފަންޓް ވިޝްޕަރާސް" އަށް އޮސްކާ 2023ގައި ލިބުނު ތާރީހީ ކާމިޔާބަށްފަހު މި ޑޮކިއުމެންޓްރީގެ "ހީރޯ" ރަގޫ ދެއްކިލަން ގިނަ ބަޔަކު އެސޮރު އޮންނަ ތަނަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.

އެކަޑަމީ އެވޯޑުގެ 95 ވަނަ ހަފުލާގައި "ދި އިލެފަންޓް ވިޝްޕަރާޒް" އަށް އޮސްކާ އެވޯޑު ލިބުނީ "ބެސްޓް ޑޮކިއުމެންޓްރީ ޝޯޓް ފިލްމް" ކެޓަގަރީންނެވެ. މި ޑޮކިއުމެންޓްރީގައި ދައްކަނީ ވިހާފައި މަންމަ މަރުވި ރަގޫ އާއި އައްމޫ ކިޔާ ދެ ބޭބީ އެތަކާއި އެސޮރު ބެލެހެއްޓި ދެ މީހުންގެ އޮތް ގާތް ގުޅުމެވެ.

މިއީ އިންޑިޔާގެ ޓެމިލް ނާޑޫގެ މަޑުމަލައި ތެއްޕަކަޑޫ އިލެފަންޓް ކޭމްޕް"ގައި އޮންނަ ދެ އެތެވެ. މި ދެ އެތުގެ ވާހަކައަށް އޮސްކާ ލިބުމާއެކު ދުރު ހިސާބުތަކުން ވެސް މި ސޮރުމެން ދެކިލަން ގިނަ ބަޔަކު ވަނީ ކިއު ހަދާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ރަގޫ އާއި އައްމޫ ދެކިލަން ލަންޑަނުން އައި ޓޫރިސްޓަކު ބުނި ގޮތުގައި އޮސްކާ އެވޯޑު ލިބުނު ދެ އެތުގެ ވާހަކަ ފެނިފައި އެސޮރުމެން ދެކިލާހިތުން އެތަނަށް އައީ ކަމަށާއި އެއީ ވަރަށް ލޯބި ދެ އެތް ކަމަށެވެ.

"އެތަކީ އަހަރެންގެ ފޭވަރިޓް ޖަނަވާރު. އަދި މިތަނަށް އައިސް މި ދެ ބޭބީ އެތާ ބައްދަލު ކޮށްލެވުނީމަ ވަރަށް އުފާވެއްޖެ،" ދެ އެތަށް ޒިޔާރަތްކުރި އިނގިރޭސި ވިލާތު މީހަކު ބުންޏެވެ.

"ދި އިލެފެންޓް ވިޝްޕަރާޒް"ގައި ދައްކަނީ ވަރަށް ތުއްތުއިރު އަޅާލާނެ މަންމައަކު ނެތި އެކަނިވެރިވީ ދެ ބޭބީ އެތާއި އެސޮރުމެން ގެންގުޅުނު ދެ މީހުންގެ އޮތް ވަރުގަދަ ލޯތްބެވެ. މިސޮރުމެން ގެންގުޅެނީ ވަރަށް ކުރީގެ ގަބީލާއަކަށް ނިސްބަތްވާ ބޮމަން އާއި ބެލީ ނަމަކަށް ކިޔާ ދެ މީހުންނެވެ. ތުއްތުއިރު މަންމަ މަރުވުމުން މި ދެ އެތަށް އެމީހުން އަޅާލާ ގޮތާއި ލޯބިން ގެންގުޅޭ ގޮތް މި ޑޮކިއުމެންޓްރީގައި ފެނެ އެވެ. މި ޑޮކިއުމެންޓްރީ އުފެއްދި ފަރާތުގެ މަގްސަދަކީ މި ދެ އެތުގެ ވާހަކައިން އެތުގެ އާބާދީ ހިމާޔަތްކުރުމަށް މީހުންގެ ހިތުގައި ލޯބި ޖެއްސުމެވެ.