ދުނިޔެ

މިސްރު، ގަތަރު 5 ބިލިއަން ޑޮލަރު އިންވެސްޓްމަންޓެއްގައި ސޮއިކޮށްފި

މިސްރާއި ގަތަރުން ފަސް ބިލިއަން ޑޮލަރު މިސްރުގައި އިންވެސްޓް ކުރަން އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދެ ގައުމުން ކުރެ ގައުމަކުން އަދި ނުދެ އެވެ.

މިސްރަށް ވަޑައިގެން އުޅުއްވާ ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ އާއި ގަތަރުގެ ފައިނޭންސް މިނިސްޓަރު އަލީ ބިން އަހްމަދު އަލްކުވާރީއާއެކު މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދުބޫލީ ވަނީ ދެމެހެއްޓެނިވި ތަރައްގީއާބެހޭ ގޮތުން މަސްވަރާ ކުރައްވާފަ އެވެ.

އިންވެސްޓްމަންޓާ ގުޅޭ ގޮތުން މިސްރުގެ ކެބިނެޓަށް މައުލޫމާތު ދެއްވުމަށް ފަހު ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ގަތަރާއެކު އާ ޕްރޮޖެކްޓްތަކެއް ފެށުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ދެ ގައުމު ގުޅިގެން ތަރައްގީއަށް ކުރެވެން ހުރި މަސައްކަތްތައް ވިލަރެސްކުރަން މަޝްވަރާ ގުރޫޕެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

މެދުއިރުމަތީގެ އަރަބި ގައުމުތަކުން ގަތަރާއެކު ޖެނުއަރީ 2021 ގައި، އަލްއޫލާ ޑިކްލަރޭޝަންގައި ސޮއިކޮށް ގުޅުން އަލުން ގާއިމުކުރި ފަހުން މެދުއިރުމަތީގެ ތަރައްގީއާ ގުޅޭ ވާހަކަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިސްރާއި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހުރޭނުން ގަތަރާ ގުޅުން ކަނޑާލީ 2017 ގަ އެވެ. އެއީ ގަތަރުން އީރާނަށް މާބޮޑަށް ޚަރަދަކުރާ ކަމަށް ބުނެ އެވެ.

އަރަބި ގައުމުތަކުން ބުނާ ގޮތުން ގަތަރުން އީރާނަށް ފޯރު ކޮށްދޭ މާލީ އެހިތެރިކަމުން ހިތްވަރު ހޯދައި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން ގެންގުޅޭ ޕްރޮކްސީތަކަށް އީރާނުން ހަރަދު ކުރެ އެވެ. އެކަމަކު ގަތަރުން އެއިރު މިކަމެއް ގަބޫލެއް ނުކުރެ އެވެ.