އަހުމަދު މަހްލޫފު

އިނާމު ދޭއިރު ތަފާތު ނުކުރަން ވަނީ އަންގާފައި: މަހުލޫފް

ކުޅިވަރުގެ މުބާރާތްތަކުން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އިނާމު ދޭ އިރު ވަކި ޖިންސަކަށް ވާތީ ތަފާތު ނުކުރަން އަންގާފައިވާ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީ) އިން ބޭއްވި "ބުރުނު ޝިކާރަ" ބޮޑީ ބޯޑިން މުބާރާތުގައި ވަނަތަކަަށް އައި ފަރާތްތަކަށް ފައިސާ ދިނުމުގައި ދެ ޖިންސަށް ތަފާތު ކުރި މައްސަލައިގައި ޔޫތު މިނިސްޓްރީން ދެކޭ ގޮތް މަހުލޫފް ހާމަކުރެއްވި އެވެ.

އެ މުބާރާތުގައި ފިރިހެން އެތުލީޓަށް 10،000 ރުފިޔާގެ އިނާމެއް ދިން އިރު އަންހެން އެތުލީޓަށް ދިނީ އެންމެ 5000 ރުފިޔާ އެވެ. އަދި ދެވަަނަ އަދި ތިންވަނައަށް އަށް އެތުލީޓުންނަށް ވެސް ފައިސާ ދިނުމުގައި އަންހެން އެތުލީޓުންނަށް ދީފައި ވަނީ މަދުން ނެވެ. އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެކަމަށް އިޝާރާތްކުރައްވައި މަހުލޫފް ވެސް ވިދާަޅުވީ އެކަން ކުރިއަށް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައި އޮންނާނެ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެން. ދެން ކޮންމެ ފަހަރަކު ދަނޑި ބުރިއެއް ހިފައިގެން އެތާކު ނުހުރެވޭނެ. އެއީ މިނިސްޓްރީން ޕޮލިސީ ލެވަލްގައި ނިންމާފައި ހުރި ކަންކަން. ވަރަށް ރަނގަޅު ކަންކަންތައް ކުރެވޭ. އެކަމަކު އަދި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަންވެސް އެބަ ހުރި" މަހުލޫފް ވިދާޅުވި އެވެ.

ބޮޑީ ބޯޑިން މުބާރާތުގައި އިނާމު ދިނުމުގައި ތަފާތު ކުރި ނަމަވެސް އެކަމުގައި ފިޔަވަޅު އަޅުއްވާނެކަމަށް މަހުލޫފް ވިދާޅެއް ނުވެއެވެ.