ރިޔާސީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްސަލް ދަނޑެއް ގާއިމް ކޮށްދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް އެހެން ވިދާޅުވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު މިއަދު މަޖިލީހުގެ ތަޅުމުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
މަހުލޫފް ވިދާޅުވީ ރާއްޖޭގައި ފުޓްސަލް ކުޅެން މިހާރު ހަދާފައި ހުރީ މިނީ ފުޓްބޯޅަ ޕިޗުތަކެއް ކަމަށާއި އެފަދަ ދަނޑުތަކަށް އަރައިގެން ފުޓްސެލްގެ ގަވައިދުތަކާ އެއްގޮތަށް ކުޅެވެނީ އެހެން ކުޅިވަރެއް ކަަމަށެވެ.
އެގޮތަށް އެކަން ހިންގާތާ އެތަކެއް ދުވަހެއްވީ ފަހުން ކުއްލިއަކަށް ރާއްޖެއިން ފުޓްސެލް ޓީމެއް އެކުލަވާލައި ރާއްޖެއިން ބޭރަށް ފޮނުވުމުން އަސްލު ފުޓްސެލް ކޯޓުގައި އަސްލު ފުޓްސެލް ކުޅެން ކުޅުންތެރިންނަށް ޖެހިފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ފުޓްސެލް ގައުމީ ޓީމުގެ ކުޅުންތެރިން ކުޅެލާނެ ދަނޑެއް ނެތް ކަމަށް ބުނެ ކުޅުންތެރިން ގެއަށް ދާން ޖެހުނު ކަމަށް ސޯޝަލް މީޑިއާގައި އެނބުރު ވާހަކަތަކަށް ވެސް މަހުލޫފް މިއަދު ރައްދު ދެއްވި އެވެ.
މަހުލޫފް ވިދާޅުވީ ފުޓްސެލް ޕްރެކްޓިސް ކުރެވޭނެ އެހެން ދަނޑުތައް ވެސް އެބަހުރި ކަމަށާއި ޕްރެކްޓިސް ކުރާނެ ދަނޑެއް ނެތިކަމަށް ބުނެ ކުޅުންތެރިން ގެއަށް ދާން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް ވަަރަށް ޔަގީންކަން އެބައޮތް ކިރިޔާ ޖާގައެއް ލިބުނަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންޑޯ ފުޓްސަލް ދަނޑެއް ގާއިމްކޮށްދޭނަން. އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް އަދި އަޅުގަނޑު އުއްމީދުކުރަނީ ހަމަ މި ދައުުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ހުންނާނެ ކަަމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ." މަހުލޫފް ވިދާޅުވި އެވެ.