އެމްއޭސީއެލް

ވީއައިއޭގައި ކާގޯ އޮފީސް ހިންގަން ހުޅުވާލައިފި

Mar 30, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި "ކާގޯ އޮފީސް" ހިންގަން ޖާގަ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވީއައިއޭގެ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހަދައި ހިންގާނެ ފަރާތްތަކެއް ހޯދައި، އެތަންތަން ހިންގުމުގެ ލައިސަންސް ދޭން ބޭނުންވާ ކަމަށެވެ.

އެމްއޭސީއެލް އިން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮފީސް ހަދައި ހިންގުމަކީ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ލިބޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އިއުލާންގައިވެ އެވެ.

ކާގޯ އޮފީސް ހިންގަން ކުރިމަތިލެވޭނީ އިންޓަނޭޝަނަލް އެއާލައިނެއްގެ ކާގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބްރޯކަރެއް ނުވަތަ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާގޯ ބްރޯކަރެއް ނުވަތަ ކާގޯ އެޖެންޓަކަށް ވެސް ވާންޖެހެ އެވެ.

އެމްއޭސީއެލް އިން ބުނީ ކާގޯ އޮފީސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން އީމެއިލް އަކުން ޝައުގުވެރިކަން ފާޅުކުރުމުން އެފަރާތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށެވެ. ކުއްޔަށް ހިފަންބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު ބީލަމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަންތައް ހުށަހަޅާފައިވާ ފަރާތްތައް ދެނެގަތުމަށް ފަހު ކަމަށެވެ.