ނިމިގެން ދިޔަ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އަކީ ކާމިޔާބު އިވެންޓެއް ކަަމަށާއި އަދި އަންނަ އަހަރު އެ އެވޯޑް ސްޕޮންސާކުރަން ބޮޑެތި އެއާލައިންތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެ އިވެންޓަކީ އިސްރާފު ބޮޑު އިވެންޓެއް ކަަމަށް ސިފަކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ.
ސައީދަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ މިފަހަރުގެ ސްޕޯޓްސް އެވޯޑަށް ހަރަދުކުރި އަދަދަށް މީގެ ކުރިން ޒުވާނުންގެ ދުވަހާއި ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ވެސް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އާ އަހަރުގެ ފެށުމަށް މި ސަރުކާރުންނާއި ކުރީ ސަރުކާރުން ވެސް ސްޕޯޓްސް އެވޯޑަށް ކުރި ހަރަދެއްގެ ބޮޑު ހަަރަދެއް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިފަހަރު އެވޯޑުގެ އިވެންޓް މާބޮޑުކޮށް ލައިގެން މީހުން ދައްކަނީ އެ ހަފްލާއަށް ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ތަރި، ރޮބާޓޯ ކާލޯސް ފަދަ އެތުލީޓުން އައުމުން އެކަން ބަޔަކަށް ހަޖަމު ނުވެގެން އުޅޭތީ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް އެވޯޑް އިވެންޓަކީ ރާއްޖޭގައި ކުޅުވަރުތަކާއި ކުޅިވަރު އެސޯސިއޭޝަންތައް ކުރިއެރުވުމަށް ކުރިއަށް ގެންދެވުނު ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންގެ ތައުރީފް ލިބިވަޑައިގަތް ކަމަށެވެ.
"މިހާރުވެސް ބައެއް ބޮޑެތި އެއާލައިންތަކުން މި އަންނަ އަހަރު އަޅުގަނޑުމެންގެ މި އެވޯޑްގައި ބައިވެރިވާން ސްޕޮންސާކުރަން ބޭނުންވެގެން އެބަ އުޅޭ. ކްރޮސްރޯޑްސްއިން އަލުން މި އަންނަ ހަފްތާގައި އަލުން އަޅުގަނޑުމެންނާއެކު ސޮއިކުރަން ތައްޔާރަަށް. އެހެންވީމާ ވަރަށް ކާމިޔާބުކަމާއެކު ގެންދެވުނު މަސައްކަތެއްކަމަށް ގަބޫލުކުރަނީ." މަހުލޫފް ވިދާޅުވި އެވެ.