ބޮންޑެ އިބްރާހިމް ރަޝީދު

ރައީސްގެ ލީގަލް އެޑްވައިޒަރު ކަޅުބާޒާރުގައި ޑޮލަރު ވިއްކި: ބޮންޑޭ

ދާދި ފަހުން މަގާމުން ވަކި ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިޒަރު އަހްމަދު އަބްދުﷲ އަފީފް ކަޅުބާޒާރުގައި ޑޮލަރު ވިއްކެވި ކަމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ތުހުމަތުކުރައްވައިފި އެވެ.

ބޮންޑޭ އެފަދަ ތުހުމަތެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ކުންފުނިތަކުގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ގާނޫނާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ގަންނަމުންދާ ކަމަށާއި އަދި އެކަން ނުކުރަން މީގެ ކުރިން އެތައް ފަހަރަކު މަޖިލީހުން އަންގާފައިވާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ވިއްކުމުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"ރައީސް އޮފީހުން މި ދޭތެރެއިން މަސްތުވާތަކެތީގެ މައްސަލައިގައި ބޭރުކޮށްލި ފަރާތް. އޭނާ އަމިއްލައަށް ކުންފުންޏެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސް އަށް އެމްއެމްއޭއިން ދޫކުރާ ހުރިހާ ފައިސާއެއް އޭނާ އަދަދެއް ނަގައިގެން ރަށުތެރެއަށް ވިއްކުމާ އެސްޓީއޯއަށް ވިއްކުމާ ކަޅު ބާޒާރު ހަދައިގެން މި އުޅެނީ" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީ މީހުން ހައްޔަރުކުރުމުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ އަޑީގައި ތިބޭ މީހުން އެނގޭ ކަމަށާއި އެހެން ނަމަވެސް އެ ހިސާބުން ހައްޔަރުކުރި މީހާ ޑިޕޯޓްކޮށް މައްސަލަ އޮއްބާލަމުންދާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ ބޮންޑޭ ވިދާޅުވީ ކަޅު ބާޒާރުން އަހަރަކު 1.6 ބިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާ ކަމަށާއި ޑޮލަރަކަށް 50 ސެންޓު ލާފައި އެ މުއާމަލާތް ހިންގިޔަސް އެއީ 800 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ކަމުގައި ބޮންޑާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން އެމްއެމްއޭގެ ގަވަރުނަރު މަސައްކަތް ކުރައްވާ ކަމަށެވެ. އެކަމަކު އެ މަސައްކަތުގައި ފުލުހުންގެ އިދާރާގެ އެއްބާރުލުން ނުލިބޭ ކަމަށާއި ނަމަވެސް ވަކިވަކި ބައެއް ފުލުހުން އެކަމުގައި ރަނގަޅަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.