ރޯދަ މަހު ވެމްކޯ އިން ކުނި ނަގާނެ ގަޑިތައް އާންމުކޮށްފި އެވެ.
ވެމްކޯ އިން މިއަދު ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގޭގެއިން ކުނި ނަގާނެ ގަޑިތައް އާންމުކޮށްފަ އެވެ. އެގޮތުން ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އިން 12:00 އަށެވެ.
ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
ވެމްކޯއިން ބުނީ ކޮމާޝަލް ކަލެކްޝަން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށެވެ. ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސާވިސް (ކެޕްސް)ގެ ހިދުމަތް ރޯދަ މަހު ދޭން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
ކެޕްސް އަކީ ގޭބިސީތަކާއި އެހެނިހެން ތަންތަނުގައި އުފެދޭ ކުނި ވަގުތުން ނަގައިދިނުމަށް އެދުމުން ވެމްކޯ އިން ދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ހޮޓްލައިން އަކީ 1666 އެވެ.
ވެމްކޯ އިން ބުނި ގޮތުގައި ރޯދަ މަހު މަގުމަތި ފޮޅައި ސާފުކުރާނީ ރޭގަނޑު 9:00 އިން ދަންވަރު 3:00 އަށެވެ.