މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ތިލަމާލެ ބްރިޖުގެ މަސައްކަތަށް އުޅަނދެއް ގެނެސްފި

Mar 30, 2022
2

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ހާއްސަ އުޅަނދެއް ރާއްޖެ އައިސްފި އެވެ.

"ދަ ޖެކް އަޕް" ބާޖު މާލެ ބަނދަރަށް އައިސްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ. މި ބާޖު ބޭނުން ކުރާނީ ބްރިޖް އެޅުމުގައި ފެނު އަޑީގައި ކުރާ މަސައްކަތްތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

މި ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ މާޗް މަހު ފަށާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.