މާލޭ ސިޓީ ކައުންސިލް

ފްލޯޓިން ސިޓީ މަޝްރޫއުގައި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

Mar 30, 2022
1

ބިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ހަދަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ.

މިކަމާ ގުޅޭ އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިއަދު ސޮއި ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ފްލޯޓިން ސިޓީ މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް އިންޓަނޭޝަނަލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕް އެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ފްލޯޓިން ސިޓީ މަޝްރޫއުގެ އެމްއޯޔޫއެއްގައި ސިޓީ ކައުންސިލުން ސޮއިކުރުމުގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމަކަށް ސިޓީ ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުންކަން އެމްއޯޔޫ އިން އެނގިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި މިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން 5000 ފްލޯޓިން ގެ އަޅަން މިހާރު ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަަށްވާ ބައިސަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.