ދުނިޔެ

ރަޝިއާ ސިފައިން ޗާނަބީލުން ފައިބަން ފަށައިފި: ޕެންޓަގަން

ޔުކްރޭންގެ ޗާނަބީލް ނިއުކްލިއާ ރިއެކްޓަރު ހިސޯރު ކޮށްގެން ތިބި ރަޝިއާ ސިފައިން އެ ސަރަހައްދުން ފައިބާ މަންޒަރު ފެންނަ ކަމަށް އެމެރިކާގެ ޕެންޓަގަންއިން ބުނެފި އެވެ.

ޕެންޓަގަންގެ އޮފިޝަލަކު ވިދާޅުވީ ރަޝިއާ ސިފައިން އެ ސަރަހައްދު ދޫކޮށް ދަނީ ކޮން ބޭނުމެއްގައި ކަމެއް އަދި ނޭނގެ އެވެ. އެއީ ޔުކްރޭންއާ ރަޝިއާއާ ދެމެދު ސުލްހަ ވުމަށް ކުރެވޭ މަޝްވަރާއިން ނުކުތް ނަތީޖާ ނޫން ކަމެއް ވެސް ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް ދޭން ފެށި ހަމަލާތަކަށް ފަހު އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ޗާނަބީލް ނިއުކްލިއާ ސަރަހައްދު ހިފުމަށެވެ.

މަޝްރަހު ދިރާސާ ކުރާ މީހުން އެއިރު ބުނީ ޗާނަބީލް ހިފަން ރަޝިއާ އެހާ ބޮޑަށް ބޭނުންވި ސަބަބަކީ އެއީ ބެލަރޫސްގެ މަގުން ޔުކްރޭންގެ ވެރިރަށް ކިއެވްއަށް ދާން އޮންނަ އެންމެ ކުރު މަގު ރަޝިއާ ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި ރަޝިއާއިން ވަނީ ޔުކްރޭންގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ހަމަލާދީފަ އެވެ. އެހެން ނަމަވެސް، ސީދާ ނިއުކްލިއާ ރިއެކްޓަރަށް ހަމަލާ ދިނުމުގެ ބަދަލުގައި އިދާރީ ބައިތަކަށް ހަމަލާ ދިނުމަށް ފަހު ވަނީ ރިއެކްޓަރުތަކުގެ މަސައްކަތް ހުއްޓުވާލާފަ އެވެ.

ޗާނަބީލްގެ އިތުރުން ޔުކްރޭންގެ ޒަޕޮރިއްޒިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓްގެ އިދާރީ ބަޔަކަށް ވެސް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ދިނެވެ.

ތަޖުރިބާކާރުން ބުނި ގޮތުގައި ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި އަލިފާން ރޯވެ ގެއްލުމެއް ލިބިއްޖެ ނަމަ، ޗާނަބީލް ނިއުކްލިއާ ހާދިސާއަށް ވުރެ 10 ގުނަ ނުރައްކާ ބޮޑުވެގެން ދާނެ އެވެ.

ޗާނަބިލް ނިއުކްލިއާ ޕްލާންޓްގައި އޭޕްރީލް 26، 1986 ގައި ހިނގައި ދިއަ ނުރައްކާތެރި އެކްސިޑެންޓަށް ފަހު އެއީ ބޭނުންކުރާ ރިއެކްޓަރެއް ނޫނެވެ.

އެހެން ނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް އެތަނުން ރޭޑިއޭޝަން ލީކުވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ޔުކްރޭން ބުނާ ގޮތުން އެ މިންވަރަކުން އިންސާނުންނަށް ނުރައްކަލެއް ނޯންނާނެ އެވެ. އެ ސަރަހައް ދު އޮންނަނީ އާންމުންނަށް ކައިރި ނުވެވޭ ގޮތަށް ހަދައި ވަރަށް ބޮޑަށް ބަންދު ކޮށްފަ އެވެ.