ހަބަރު

ހަނގުރާމަ އަށް ދާން އުޅުނު ފަސް ދިވެއްސަކު ހިފަަހައްޓައިފި

Jan 20, 2015

ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން އެ ގަައުމަށް ދާން އުޅުނު ކަމަށް ބެލެވޭ ފަސް ދިވެއްސަކު މެލޭޝިއާގައި ހިފެހެއްޓުމަށް ފަހު މާލެ ގެނެސްފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ފަސް މީހުން މާލެ ގެނެސްފައި ވަނީ މިދިޔަ ހަފުތާ ތެރޭގަ އެވެ. މެލޭޝިއާގައި ތިއްބާ އަތުލައިގަނެގެން ގެނައި މީހުންގެ ތެރޭގައި ދެ އަންހެނަކު ހިމެނޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި މާލެ ގެނައި މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ ދިވެހިންގެ ބަޔަކު ހަނގުރާމާގައި ބައިވެރިވުމަށް ސީރިއާ އަށް ގޮސްފަ އެވެ. ބައެއް ދިވެހިން އަނބިދަރިންނާ އެކު ވެސް ދަނީ ސީރިއާ އަށް ބަދަލުވަމުންނެވެ. ރާއްޖޭގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ވިދާޅުވެފައިވާ ގޮތުގައި ބޭރުގެ އެކި ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިންގެ 50 އަށް ވުރެ ގިނަ މީހުން ވަނީ ގޮސްފަ އެވެ.

ދީނުގެ ނަމުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީގެ ކުރިން ދިވެހިން ގިނައިން ގޮސް އުޅުނީ ޕާކިސްތާނަށް ނަމަވެސް މިހާރު ގިނަ ބަޔަކު ދަނީ ސީރިއާ އަށެވެ. އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަނގުރާމަވެރި އެކި ޖަމާއަތްތަކުން ހަމަލާ ދެމުން ދާއިރު އެ ޖަމާއަތްތަކުގެ ތެރޭގައި ވެސް ދަނީ އެއް ޖަމާއަތުން އަނެއް ޖަމާއަތަށް ހަމަލާ ދެމުންނެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ބައިވެރިވަނީ އަލްގާއިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާއާ އެވެ.