ޔުކްރޭންގެ މައި ސަރުކާރުން ކުރާ އަމުރުތައް ތަންފީޒު ކުރާ ބައެއް ގޮތުގައި ދޮނެސްކަށް ދެން ނޯވެވޭނެ ކަމަށް ދޮނެސްކް ޕީޕަލްސް ރިޕަބްލިކުން ބުނެފި އެވެ.
ދޮނެސްކްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާން އިޑިއުއާޑް ބަސޫރީން ވިދާޅުވީ ގޮތުގައި ދޮނެސްކަކީ ވަކި ދައުލަތެއް ގޮތުގަައި ދުނިޔެ ބަލައިގެންފި އެވެ. އެހެންކަމުން ދައުލަތެއް ގޮތުގައި ދޮނެސްކް ދެން ހިންގަމުން ގެންދާނީ ވަކި ގާނޫން އަސާސީއަކުންނެވެ.
ދޮނެސްކް އަކީ ހަގީގަތުގައި ޔުކްރޭންގެ ދޮންބާސް ސަރަހައްދުގެ އެއްކޮޅެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު ފެށިގެން އެމީހުން މަސައްކަތް ކުރަމުން އަންނަނީ މައި ސަރުކާރުން ވަކިވެ ވަކި ދައުލަތެއް ގޮތުގައި ދެމި އޮތުމަށެވެ
ދޮންބާސްގެ އަނެއްކޮޅު، ލުހާންސްކް އިން ވެސް ވަކި ދައުލަތެއް އުފައްދައި ވަގުތީ ސަރުކާރެއް ވަނީ އެކުލަވާލާފަ އެވެ. ދޮނެސްކާއި ލުހާންސްކް އިން ބުނާ ގޮތުން އެ ދެ ދައުލަތަކީ ވެސް ރަޝިއާއާ ގުޅުން ބޮޑު ދެ ދައުލަތެވެ. ރަޝިއާގެ މަދަދާއެކު ދައުލަތް ހިންގި ނަމަވެސް މިނިވަން ގާނޫން އަސާސީއަކުން ހައްގުތަށް ކަށަވަރު ކުރާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ރަޝިއާއިން ޔުކްރޭނަށް އަރައި ގަތުމުގެ ކުރިން ދޮނެސްކާއި ލުހާންސްކްގެ މިނިވަންކަން ގަބޫލުކޮށް އެމީހުން ދިން ދައުވަތެއް ކަމަށް ބުނެ ރަޝިއާ ސިފައިން ފުރަތަމަ އެރީ ދޮންބާސްއަށެވެ.
ދޮންބާސް ސަރަހައްދުގައި ޔުކްރޭނާ ވަކިވެ ގަތުމަށް މަސައްކަތްކުރާ ގުރޫޕްތަކާ ޔުކްރޭންގައި އަމަން ބަލަހައްޓާ ސިފައިންނާ ދެމެދު ދޭތެރެ ދޭތެރެއިން ފުށުއަރައި ބޮޑެތި ހަމަނުޖެހުންތައް ހިނގަ އެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަރަން ޖެހުނީ ވެސް ޔުކްރޭންގެ ސަރުކާރުން ދޮންބާސްގެ ރައްޔިތުންނާ މެދު އިހާނެތިކޮށް ހިތާލެއް ބޮޑުކަމުންނެވެ. އެހެންކަމުން ޔުކްރޭންގެ ވަކިތަކުން ދޮންބާސް ސަރަހައްދު މިނިވަން ކުރުމަށްޓަކައި އެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވަން ޖެހުނީ އެވެ.