މަސްތުވާތަކެތި

42 ކިލޯގެ ޑުރަގް: ދެމީހުންގެ ވަނަވަރު ހާމަކޮށްފި

Mar 31, 2022

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން މި މަހުގެ 24 އަދި 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކ. މާލެ، ދަފްތަރު އަހްމަދު ހުސައިން 39، އާއި ކ. މާލެ، މ. ނޫރުއް، އަބްދުﷲ ނަޝީދު 46، އެވެ.

މި ދެ މީހުން ހައްޔަރު ކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް މައުލޫމާތު ލިބުމުން ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ހައްޔަރުކުރީ މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކުރުމަށް ފަހު އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަބްދުﷲ ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަހްމަދު ހުސައިންގެ ބަންދަށް 10 ދުވަސް ދީފައިވެ އެވެ.

ފުލުހުން މިހާރުވެސް ތަހުގީގުކުރަމުންދާ މިމައްސަލައިގައި ހިމެނޭ އަހްމަދު ހުސައިން އަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކައުންސިލްގެ މެންބަރެކެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލައިގައި އަހްމަދު ހުސައިން ހައްޔަރުކުރުމާއެކު ޕީއެންސީގެ ކައުންސިލް މެންބަރުން ކަމުން އޭނާ ވަކިކޮށް އެޕާޓީން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުންގެ އޮޕަރޭޝަންގައި 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މާފަންނު ގެއެއްގައި ވަޅުލާފައި ވަނިކޮށެވެ. އެ ގެ ހުންނަނީ މާފަންނުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ކުރިމައްޗަށްވާ ގޮތަށެވެ.