ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ހުޅުވާލުމުން އުފާވެރިކަން

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި އެޅި ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ ރީތި އަދި އެންމެ ބޮޑު މިސްކިތެވެ. މިސްކިތުގެ މަސައްކަތް ނުނިމި ދިގު ލައިގެންގޮސް މިއަދަކީ އެ މިސްކިތުގައި ނަމާދު ކުރަން ފެށުނު ދުވަހެވެ. މިއަދުގެ ހުކުރު ނަމާދަށް މިސްކިތް ހުޅުވާފައިވަނީ ނުރަސްމީކޮށެވެ. އަދިވެސް އެ އިމާރާތުގައި ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ހުރީ ނުނިމިއެވެ. ނަމަވެސް ނަމާދު ކުރުމަށް ހާއްސަކޮށްފައިވާ ބައިތަކުގެ ތެރެއިން ދެ ބައި މިއަދު ހުޅުވީ އެ ބައިބައި ފުރިހަމަ ކުރުމަށް ފަހު އެވެ.

ރަސްގެފާނު ސަލްމާން މިސްކިތުގައި މިއަދުގެ ހުކުރުގެ ޖަމާއަތާއެކު ނަމާދު ކުރަން ފަށާފައިވާއިރު މާލެއަށް މިއީ ހާއްސަ އުފަލެއް ލިބިގެން ދިޔަ ދުވަހެކެވެ. އެތައްހާސް ބަޔަކަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މިސްކިތުގެ މިއަދުގެ ހުކުރުގެ ޖަމާއަތަށް އެތައް ސަތޭކަ ބަޔަކު ވަނީ ޖަމާވެފައެވެ. އެންމެންގެ މޫނު މަތީންވެސް ފެންނަނީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ.

މިސްކިތުގެ ރީތި ކަމާއި ފުރިހަމަ ކަމުން ލިބޭ އުފާވެރިކަންވެސް ކުޑައެއް ނޫނެވެ. ކުދި ބޮޑު އެތައް ސަތޭކަ ބަޔަކާއެކު މިއަދުގެ ހުކުރުގެ ޖަމާއަތް ލީޑު ކުރެއްވީ ރާއްޖޭގައި މިވަގުތު އެފަދަ ދެވަނައެއް ނެތް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިންނެވެ. ވަގުތީ ގޮތުން އެ މިސްކިތުގައި އިމާވުވެ ދެން ނަމާދު ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިހް ނަސްރުﷲ އަލީ އެވެ.

ސަލްމާން މިސްކިތްގައި މިއަދު ނަމާދު ކުރަން ފަށާފައިވާއިރު މާދަމާއަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަހެވެ. ރޯދައިގެ ކުރީން މި މިސްކިތް ހުޅުވުމަކީވެސް މާލެއަށް އުފަލެކެވެ. އަޅުކަމުގައި ހާއްސަ ހީވާގި ކަމެއް ފެންނަ މި މައްސަރުގައި މިސްކިތްތައް ފުރި ބާރުވެއެވެ. އެހެން ކަމުން ސަލްމާން މިސްކިތާއެކު އެ ކަމަށް ކޮންމެވެސް ލުޔެއް ލިބިގެންދާނެ އެވެ.

މާލޭގެ މަލަމަތި ރީތިކޮށް ނަލަކޮށްލި ސަލްމާން މިސްކިތް ނުހުޅުވި ގިނަ ދުވަސްތަކެއް ހޭދަވެގެން ދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނު މި މަޝްރޫއު އެ ސަރުކާރަށް ނިންމާލެވޭ ގޮތެއް ނުވިއެވެ. އައު ސަރުކާރަށް ބަޖެޓްގެ ތާށިކަމާއި އެ ނޫންވެސް ސަބަބުތައް ދިމާވެ ހުޅުވޭ ގޮތް ނުވީ ކަމަށް ބުންޏެވެ. އެންމެ ފަހުން ސަރުކާރުން ބުނީ މިސްކިތް ހުޅުވުން ފަސް ވަނީ ސައުދީން ޓީމެއް ވަޑައިގެން އެކަން ކުރައްވަން ރާއްވާފައި އޮތުމުން ކަމަށެވެ. އަދިވެސް މިސްކިތް ހުޅުވޭނެ ތާރީހެއް ކަނޑައެޅުން އޮތީ އެ ވިދާޅުވާ ޓީމެއްގެ އަތް މަތީގައެވެ. މިސްކިތް ރަސްމީކޮށް ނުހުޅުވުނަސް އެ މިސްކިތުގައި އަދު ނަމާދު ކުރަން ފެށުމުން ލިބޭ އުފާ ބޮޑެވެ.

އާދަޔާ ހިލާފު ރީތި މިސްކިތެއް

ވެހި ރުކަށް ވުރެ ވެސް ނަލަޔަށް ކަދުރު ރުއް ވަށައިވަށައިގެން ހައްދާފައިވާ ފަސް މުންނާރާއި ތަފާތު ބިޔަ ގުއްބެއް ހިމެނޭ ގޮތަށް ހަދާފައިވާ މިސްކިތުގެ ބޮޑެތި ބިއްލޫރި ދޮރުތަކުން ސާފުކޮށް ރީތިކޮށް ބޭރުގެ ހިތްގައިމު ވިއު ފެންނާން އޮވެ އެވެ. މި ހިތްގައިމު މިސްކިތް ވެސް ހަދާފައި ވަނީ ވަށައި ބުރަކަށް ކަހަލަ ސިފައެއް ގެނުވައި ޑައިމީޓަރަކަށް މަންޒަރު ފެންނާނެ ހެނެވެ.

މިސްކިތުގައި ހަރުކޮށްފައިވާ ކީރިތި ގުރުއާންގެ މޫރިތި އާޔަތްތައް، ކަނޑާ ނަގާފައި ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް ލަކުޑީގެ ބަދަލުގައި މުޅީން މާބުލްގަ އެވެ. މިސްކިތުގެ ތެރެއަށް މަޑުމަޑު ރަން އައްޔެއް ފޭދި ފަތުރާލާފައި އޮންނަ އިރު ބޭރުން އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު އެ އަލީގެ ތެރެއަށް ވަދެ ހިމުންވެފައި އޮވެ އެވެ. އާދަޔާ ހިލާފު ރީތި ކަމަކާއެކު މިސްކިތެއްގެ ފުރިހަމަ ހިމޭން ކަމެއް ގެނުވައި ދެ އެވެ. މުޅި މިސްކިތަށް ހާއްސަ ބައިތަކުގައި ދޫލަ އަޅައި، އަޖައިބު ރީތިހާ ބޮކިތައް ހަރުކޮށްފައި ވާއިރު އެކި ދިމާއިން ދޮރުތަކުގެ ދެމެދުގައި ހިމެނޭ ފާރުތައް ނަލަހައްދާފައި ވަނީ އިސްލާމީ ޝަހުސިއްޔަތު ވިދައިގަންނާނެ ރަން ކުލައެއް ޖެހޭ ހާއްސަ މާބުލް އަކުންނެވެ.

މިސްކިތުގެ އިމާރާތުގެ ޖާގައިގެ ތެރޭގައި 6،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ބިންމަތީ މާބްލް ޖަހާފައި އޮންނަ ހަރިންމަ ތެރެއާ އެއްކޮށް ހުކުރު ދުވަސްތަކުގައި އާއި އީދު ދުވަސްތައް ފަދަ ބޮޑެތި ޖަމާއަތް ހަދަން ޖެހޭ ދުވަސްތަކުގައި އެއް ފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހިމަނާފައި ވެއެވެ.

އަދި އިސްލާމީ މަރުކަޒުގެ ބައިގައި ދުނިޔޭގެ ފެންވަރުގެ އިސްލާމިކް ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުރެ އެވެ. މިސްކިތަށް 41500 އަކަފޫޓުގެ ބިމުގެ ޖާގައެއް ނަގައި މިސްކިތަށް ހަ ފަންގިފިލާ ހިމަނާފައި ވެއެވެ. މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ވެއެވެ.

ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ. މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށެވެ. އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.

މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ މިސްކިތެކެވެ. ތިން ވަނަ ބުރީގެ އެއް ބަ އާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމް ވެސް ވަރަށް ރީއްޗެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެހެން ކަމުން މިއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވާނެ އެވެ. ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.