ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލަށް މަރުގެ އިންޒާރު ދީފި

ކުރީގެ ނާއިބު ރަައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް މަރުގެ އިންޒާރު ދީފި އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ ޑރ. ޖަމީލަށް މަރުގެ އިންޒާރު ދީފައިވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ރައީސް ޔާމިންގެ ޝަރީއަތް ނިންމާލުމަށްފަހު ކޯޓު ބޭރުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އޭރު ހުންނެވީ މިއަދުގެ ޝަރީއަތާއި ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރެެއްވުމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ ވަގުތު ސައިކަލެއްގައި ދިޔަ ދެ މީހަކު ޖަމީލަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ކޮންމެ ތަނަކުން ފެނުނަސް ހަމަލާ ދޭނެ ކަމަށް އިންޒާރު ކޮށްފައިވާ ކަމަށެވެ. އިންޒާރު ދިން މީހުންގެ ތެރެއިން މީހަކު އޭނާއަކީ ސަރުކާރާ ހާއްސަ ގުޅުމެއް އޮތް މީހެއް ކަމަށް ބުނެފައިވާ ކަމަށްވެސް ވަކީލުންގެ ޓީމުން ބުންޏެވެ.

އެ އަމަލާއި ގުޅިގެން ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީގެ އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޖަމީލަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.