ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ދިލަގަދަ ވާބެއް މޮސްކޯ ދޭނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާ ފޮރިން މިނިސްޓްރީގެ ޑައިރެކްޓަރު ނިކޮލޭ ކޮބްރިނެޓް ވިދާޅުވި ގޮތުގައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ހުރި ގައުމުތަކާ މެދު ރަޝިއާ އަޅާނުލައި ދޫކޮށްލާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
ނިކޮލޭ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނަށް ނިސްބަތްވާ ހުރިހާ ގައުމުތަކަށް ވަކިވަކިން ޖަވާބު ދޭނެ ކަމަށާއި ރަޝިއާއަށް ދަތިކުރަން އެ ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅު ތަކަކީ އެހެން ބަޔަކު ބުނެގެން ކުރާ ކަމެއްކަން ހަނދާންވާ ވަރު ކުރާނެ ކަމަށެވެ. ޔޫރަޕް ގައުމުތަކުން އާންމު ރައްޔިތުންނާ މެދު ވިސްނާ ނުލައި ކުރަމުން ގެންދާ ކަންތައް ތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް މިއިން ޒަމާނަކު ވެސް ނުކުރާ ވަރުގެ ނުބައި އަސަރު ކުރަމުންދާ ކަމަށް ރަޝިއާ ބުނެ އެވެ.
ނިކޮލޭ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން ޔުކްރޭނަށް އެރީ އާންމުން މަރާކަަށް ނޫނެވެ. އެހެން ނަމަވެސް ޔޫރަޕް ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ފޮނުވައި އަދި އާންމުން ލައްވައި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ގޮވާލައި ހިތްވަރު ދިނުމުގެ ސަބަބުން ގިނަ ބަޔަކު މަރުވަމުން ދެއެވެ.
އާންމުންނަށް ހަތިޔާރު ފޯރުކޮށް ދިނުމަށް ފަހު ވަރުގަދަ އަސްކަރީ ބާރަކާ ކުރިމަތިލާން އިރުޝާދު ދޭއިރު އެ މީހުންނަށް ދެން ވާނެ ގޮތެއް ޔޫރަޕުން ބަލައިނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕަކީ ސުލްހައަށް ލޯބިކުރާ އަދި އިސްލާހީ ފިޔަވަޅުތަކުގައި ދުނިޔެއަށް ނަމޫނާއެއް ކަމަށް ބުނެ ދައުވާ ކުރާއިރު އަމަލީ ގޮތުން އެކަން ސާބިތު ކުރެވިފައި ނުވާ ކަމަށް ވެސް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދިނީ ޔޫރަޕާ ހަނގުރާމަ ކުރަން ނޫން ކަމަށް ނިކޮލޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔުކްރޭންގައި މިހާރު ކުރެވެނީ ރަޝިއާ އާއި ޔޫރަޕާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށާއި ޔުކްރޭން ހަލާކުވަމުން އެދަނީ ޔޫރަޕްގެ ނުބައި ރޭވުންތަކުގެ ސަބަބުން ކަމަށެވެ.