ދުނިޔެ

ތެޔޮ އުފައްދާ އަދަދަށް ހެޔޮ ބަދަލު އަންނާނެ: އޯޕެކް

ދުނިޔޭގެ ތެލުގެ ބާޒާރަށް މިހާރު ތެޔޮ ނެރޭ އަަދަދު އިތުރު ކުރަން ފެނޭތޯ ކުރި ސައްލާތަކަށް ފަހު އޯޕެކް ގައުމުތަކުގެ އިތުރުން ތެޔޮ އުފައްދާ ރަޝިއާގެ ބައިވެރިންނަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އޯޕެކް ގައުމުތަކަށާއި ބައިވެރިންނަށް އެއްބަސް ވެވިފައި ވަނީ މިހާރު ތެޔޮ އުފައްދާ އަދަދަށް ވުރެ ކޮންމެވެސް ވަރެއް އިތުރުކުރި ނަމަވެސް، ބާޒާރުގައި ތެޔޮ ގިނަވުމުގެ ސަބަބުން އަގަށް ބަދަލު ނާންނަ ވަރުގައި އަދަތުތައް ދެމެހެއްޓުމަށެވެ.

ތެޔޮ އުފައްދާ ބައިވެރިން ބުނީ ބާޒާރަށް ނެރޭ ތެލުގެ އަދަދު އިތުރު ކުރާނެ ކަމަށާއި މޭމަހުން ފެށިގެން ހެޔޮ ބަދަލު ފެންނާނެ ކަމަށެވެ. އެހެން ނަަމަވެސް އޯޕެކްގެ ސިޔާސަތަށް ލޮޅުންއަރާ ވަރު ނުކުރާނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ފަނާ ކުރަނިވި ހަމަލާތަކުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕުން މަސައްކަތް ކުރަނީ ރަޝިއާއިން ތެޔޮ ގަތުން މުޅިން ހުއްޓާލުމަށެވެ.

ޔޫރަޕަށް ރަޝިއާ ނޫން ތަނަކުން ތެޔޮ ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެމެރިކާ އާއި ޔޫރަޕް ގައުމުތަކުގެ ވެރިން ގެންދަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކާއެކު މަޝްވަރާކޮށް ގުޅުން ބަދަހި ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ މަޝްވަރާތަކުން ހެޔޮ ބަދަލެއް ތެލުގެ މާކެޓަށް އައި ނަމަވެސް އެއީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ އެވެ.

އޯޕެކް ގައުމުތައް ތިބީ ބޭރުގެ ނުފޫޒުގެ ސަބަބުން އެގައުމުތަކުގެ ސިޔާސަތު ބަދަލުކުރާ ގޮތަކަށް ނޫނެވެ.

އޯޕެކްގެ ސިޔާސަތަށް ބަދަލު ގެނެސް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ ސަބަބުން އޭގެ ފައިދާ ކޮންމެވެސް އެހެން ބަޔަކު ނަގާފާނެ ކަމަށް އޯޕެކް ގައުމުތަކުގެ ހާރިޖީ ވަޒީރުން ބުނެ އެވެ.