ރޯދަ މަސް

ރޯދަވެއްޖެ ؛ ރަމަޟާން މުބާރަކް

މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ ދެވަނަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ހިޖުރީ ސަނަތުން 1443 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެކެއްވާ ހުކުރު ދުވަހުގެ އިރުއޮއްސުމުގެ ފަހުން ދިވެހިރާއްޖޭގެ ބައެއް ރަށްރަށާއި ބައެއް އިސްލާމީ ގައުމުތަކަށް 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ އާއި އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭއްގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ ދެވަނަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން އިއުލާނު ކުރުމާއި ގުޅިގެން ސިފައިން ވަނީ ބަޑި ޖަހާފައެވެ.

ސައުދީ އަރަބިއްޔާއަށްވެސް މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ. ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ދެންމެ ބުނީ ސައުދީގެ އެކި ސަރަހައްދުތަކަށް ރަމަޟާންމަހުގެ ހަނދު ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލްގެ ދެވަނަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ސައުދީގެ އިތުރުން އިސްލާމީ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭ ގަރާރުތައް ނެރެމުންނެވެ. ބައެއް ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އެ ގައުމުތަކުގެ ކަލަންޑަރުގައި ކަނޑައަޅާފައި ވެއެވެ. އޭގެ އެއް ގައުމަކީ މެލޭޝިޔާ އެވެ.

މިއަހަރުގެ ރޯދަ މަސް މުސްލިމުންނާއި ބައްދަލުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ވަރަށް ބޮޑަށް ކުޑަވެފައި ވަނިކޮށެވެ.

މިދިޔަ ދެ ރޯދަ މަހުގެވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިވާން މާލެ ސަރަހައްދުގައި އޮތީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިދިޔަ އަހަރު ޖަމާއަތުގެ ނަމާދުތައް ކުރީ ގައިދުރު ކަމާއެކު ރައްކާތެރި ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ކުރީން 2020 ވަނަ އަހަރުގެ ރޯދަ މަހު މިސްކިތްތައް ހުރީ ބަންދުކޮށްފަ އެވެ.