އަހަރުގެ ތެރޭގައި ތަކުރާރުވަމުން އަންނަ ގޮތުގައި މާތްވެގެންވާ ވަގުތުތަކާއި، ދަރުމައި އިތުރުވެގެންވާ، އަޅުކަމުގެ މޫސުންތައް ލައްވާފައިވުމަކީ އަޅުތަކުންނަށް މާތް ﷲ ލައްވާފައިވާ އޯގާވަންތަކަމާއި ފަޟުލަވަންތަވެރިކަން ހާމަވާ ކަމެކެވެ. ރަމަޟާންމަހަކީ މިފަދަ ފުރުސަތުތަކުގެ ތެރެއިންވެސް ވަކީން ޚާއްޞަ މައްސަރެކެވެ. އެހެނީ، ފަރުޟު ރޯދައިގެ އަޅުކަން އަދާކުރުމަށް އެއިލާހު އިޚްތިޔާރު ކުރައްވާފައިވާ މަހަކީ ރަމަޟާންމަހެއެވެ. އަދި އެމަހަކީ، ކީރިތި ޤުރްއާން ބާވައިލެއްވުމަށްވެސް އެއިލާހު ހޮއްވަވައި ޚާއްޞަކުރެއްވި މަހެވެ.
މާތް ﷲ ވަޙީކުރައްވާފައެވެ. ﴿شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾ (البقرة : 185) މާނައީ: "ރަމަޟާންމަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވުނު މަހެވެ. އެ ޤުރްއާން ބާވައިލެއްވުނީ، މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައްޔާއި، ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ. ފަހެ، އެ މައްސަރާ ބައްދަލުވެއްޖެ މީހާ ރާދަ ހިފާހުށިކަމެވެ.
ރޯދައިގެ އަޅުކަމަކީ މާތް ﷲ އާއި، އެއިލާހުގެ އަޅުތަކުންނާ ދެމެދުގައިވާ ސިއްރެކެވެ. އެހެނީ އެހެން އަޅުކަންތަކާއި ޚިލާފަށް ރޯދައިގެ އަޅުކަމަކީ ފޮރުވިފައިވާ އަޅުކަމެކެވެ. ރޯދައިގެ އަޅުކަމަކީ ނުކޮށް ދުކޮށްލަންޖެހޭ ކަންތައްތަކެއްގެ ތެރެއިން އަދާކުރެވޭ އަޅުކަމެކެވެ. ރޯދައަށް ހުންނަ ދުވަހުގައި، ފަޖުރުގެ އަލި ވިލުނީއްސުރެ، އެދުވަހުގެ އިރު އޮއްސުމަށް ދާންދެން، ކެއިން ބުއިމާއި، ދެމަފިރީން އެއްދާންކުރުމުން އެކިބާވުމާއި، ދޫރައްކާތެރިވުމުގައި ދެމިހުރެގެން އަދާކުރާ އަޅުކަމެކެވެ.
ރޯދަ ފިޔަވައި އެހެން ހުރިހާ އަޅުކަމެއްގައިވެސް، އެ އަޅުކަމުގެ ޢަމަލު ފެންނާ އޮވެއެވެ. ނަމާދުކުރާ މީހާ، ރުކޫޢު ސުޖޫދު ކުރާތަން ފެނެއެވެ. ޒަކާތްދޭ މީހާ، އެ ޒަކާތް ނެރިއަދާކުރުމުގެ ޢަމަލަކީ ކޮންމެވެސް ބަޔަކަށް އެނގިގެން، ފެނިގެން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެފަދައިން ޙައްޖާއި ޢުމްރާގެ އަޅުކަމަކީވެސް، މައްކާގެ ބިމަށް ދަތުރުކޮށް، ވަކި ޢަމަލުތަކެއް އަދާކުރަންޖެހޭ އަޅުކަމެކެވެ. މިއިން ކޮންމެ ކަމެއްގައިވެސް ބޭރުފުށުގެ ޢަމަލުތަކެއް ހިމެނެއެވެ. ނަމަވެސް ރޯދައިގެ އަޅުކަމުގައި ހިމެނެނީ މުޅީންވެސް އެތެރެފުށުގެ އަޅުކަމެވެ. މި ސަބަބަށްޓަކައި ރޯދައިގެ އަޅުކަން މާތް ﷲ ވަނީ ޚާއްޞަކުރައްވާފައެވެ.
ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. «كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَام، فَإنَّهُ لِي وَأنَا أجْزِي بِهِ، وَالصِّيَامُ جُنَّةٌ ، فَإذَا كَانَ يَومُ صَوْمِ أحَدِكُمْ فَلاَ يَرْفُثْ وَلاَ يَصْخَبْ فإنْ سَابَّهُ أحَدٌ أَوْ قَاتَلَهُ فَلْيَقُلْ: إنِّي صَائِمٌ. وَالذِي نَفْسُ مُحَمَّدٍ بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أطْيَبُ عِنْدَ اللهِ مِنْ رِيحِ المِسْكِ. لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أفْطَرَ فَرِحَ بفطره، وَإذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ». متفقٌ عَلَيْهِ "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާއަށެވެ. ރޯދަ މެނުވީއެވެ. ފަހަ، ހަމަކަށަވަރުން، ރޯދައަކީ ތިމަންއިލާހަށްޓަކައިވާ ކަމެކެވެ. އަދި އެ ރޯދައަށް ދަރުމަ ދެއްވާނީ ތިމަން އިލާހެވެ. (އެއަށްފަހު، ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.) ރޯދައަކީ ރައްކައުތެރިކަމެކެވެ. ފަހެ، ތިޔަބައިމީހުންކުރެ މީހަކު، ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނަހަދާށެވެ. ފަހެ، އެހެން މީހަކު އޭނާއާ (އެބަހީ: ރޯދަވެރިޔާއާ) އަރައިރުންވެ ހަޑިހުތުރު ބަހެއް ބުނެފިނަމަ، އޭނާ ބުނާހިށިކަމެވެ. ހަމަކަށަވަރުން، ތިމަންނާއި ރޯދަވެރިޔަކީމެވެ. އަދި އެއިލާހުގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިގެ ވަސް، މާތް ﷲ ގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ވަސްމީރު ވެގެންވެ އެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއީ، ރޯދަ ވީއްލާހިނދު، (ރޯދަ ފުރިހަމަ ކުރުމުން) ލިބޭ އުފަލާއި، އަދި އޭނާގެ ވެރި ރައްބާ ބައްދަލުވާހިނދު، (އެ ރޯދައަށް ދެއްވާ ސަވާބުގެ ސަބަބުން) ލިބޭ އުފަލެވެ."
ރޯދައިގެ އަޅުކަމަކީ މިފަދަ މަތިވެރި އަޅުކަމެކެވެ. މާތް ﷲ އަށްޓަކައި އެންމެ ދުވަހަކު ރޯދައަށް ހުރެއްޖެ މީހާގެ މޫނު، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަށް ދުރުކުރައްވާނޭ ކަމުގައިވެސް ރިވާވެގެންވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ރަމަޟާންމަހާ ބައްދަލުވުމުން އެމަހުގެ ހެޔޮކަން ލިބިގަތުމަށް ޞަޙާބީންނަށް ބާރުއަޅުއްވައެވެ. އަދި އެމައްސަރުގައި ބަރަކާތްތެރެވެގެންވާ ރެއެއް ލައްވާފައިވާކަން ހަނދުމަކޮށްދެއްވައި، އެރޭގެ ހެޔޮކަމުން މަޙްރޫމު ވެގެންވާ މީހެއްކަމުގައި ނުވުމަށްވެސް އަންގަވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ» (رواه النسائي) މާނައީ: "ބަރަކާތްތެރި ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. އެމައްސަރުގައި ރޯދަ ހިފުން މާތް ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި ޝައިޠާނުންގެ ތެރެއިން މާރިދުން ކަސްތޮޅު އެޅުވެއެވެ. އެ މައްސަރުގެ ރޭތަކުގެ ތެރޭގައި، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މާތް ﷲ ވަނީ ލައްވާފައެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާއަކީ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހެކެވެ."
މި ބަރަކާތްތެރި އަޅުކަމުގެ މުސޫމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް ކޮންމެ މުސްލިމަކުމެ ގަދައަޅާ މަސައްކަތްކުރަން ވާނެއެވެ. ރަމަޟާންމަހު އަޅުކަމުގައި އިތުރަށް ހީވާގިވެވަޑައިގަތުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ދައްކަވާފައިވާ ނަމޫނާއެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރުމާއި، އެ މައްސަރުގެ ރޭތަކުގައި ރޭއަޅުކަން ކުރުމާއި، ދުޢާކުރުމާއި، ޞަދަޤާތްކޮށް މީސްތަކުންނަށް ހެޔޮފޯރުވައި އުޅުމަކީ އިތުރު އެކަލޭގެފާނު ދެއްކެވި ނަމޫނާއެވެ. އީމާންކާމާއި، ދަރުމަޔާއި ސާވާބަށް އެދިހުރެ ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހެއްގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނޭކަމުގައި ވަނީ ޙަދީޘް ކުރައްވާފައެވެ. ހަމައެފަދައިން އެމައްސަރުގެ ރޭ އަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނޭކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފައެވެ. އަދި ރަމަޟާންމަހުގެ ކޮންމެ ރެއެއްގައިމެ އަޅުތަކުންކުރެ ބަޔަކު ނަރަކައިން މުއްތި ކުރައްވާ ކަމުގައިވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.
މި ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދައާއި އަދި އަޅުކަމުގެ ސަބަބުން ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާ އަޅުތަކުންގެ ތެރެއިން ވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ.