ދުނިޔެ

ރަޝިއާއިން އިންޑިއާ ގަންނަ ތެލަށް ބޮޑު ޑިސްކައުންޓެއް

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް މިހާރު އުޅުއްވަނީ ޗައިނާ އާއި އިންޑިއާއަށް ކުރައްވާ ދަތުރެއްގައި، އިންޑިއާގަ އެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރަން އެމެރިކާ އާއި ޔޫރަޕުން އިންޑިއާއަށް ގޮވާލި ނަމަވެސް، އިންޑިއާ އޮތީ ރަޝިއާއަށް ވަފާތެރި ގައުމެއް ގޮތުގަ އެވެ. އިންޑިއާށް ވަޑައިގެން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވައި ލަވްރޯފް ވިދާޅުވި ގޮތުގައި، ރަޝިއާއަށް ކަމޭ ހިތުމުގައި އިންޑިއާ އަކީ މިސާލެއް ނެތް ގައުމެކެވެ.

ނުފޫޒު ގަދަ ގައުމުތަކުން ރަޝިއާއަށް ދަތިކުރަން ފިޔަވަޅުތައް އަޅަމުން ގެންދާއިރު، އިންޑިއާ އޮތީ ރަޝިއާއާއެކު ވިޔަފާރި ކުރާ ގޮތަށެވެ. އިންޑިއާގެ މި ހިތް ހެޔޮ ކަމަށް ޝުކުރުވެރިވެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރަޝިއާއިން ވަނީ ހެޔޮ ގޮތްތަކެއް ވެސް ހަދައިދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން އިންޑިއާ ގަންނަ ތެލަށް ވަރަށް ބޮޑު ޑިސްކައުންޓެއް ދޭނެ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެއީ ރަޝިއާ ޔުކްރޭނަށް އަރައިގަތުމުގެ ކުރިން އިންޑިއާއަށް ތެޔޮ ވިއްކި އަގަށް ވުރެ ވެސް ހެޔޮ އަގެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގައި އުފައްދާ ސަންފްލާވާ ތެޔޮ ރަޝިއާއަށް ގަންނާނެ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ފުރަތަމަ ޝިޕްމަންޓްތައް މާކެޓް ރޭޓަށް ވުރެވެސް ބޮޑުކޮށް ގަންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ރަޝިއާ ކުށްވެރި ކުރަން އެމެރިކާ ސްޕޮންސަރު ކޮށްގެން ބޭއްވި ތާއީދު ހޯދުމުގެ ވޯޓުގައި އިންޑިއާ އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ބަދަލުގައި ވާހަކަ ދައްކާފައި ވަނީ ރަޝިއާއަށް އޯގާތެރިކޮށެވެ.

ރަޝިއާ ބުނީ އިންޑިއާގެ އިހުތިޔާރަށް ރަޝިއާ ބަދަލު ދޭނެ ކަމަށާއި އިންޑިއާއަކީ ގާތް އެކުވެރިއެއް ކަމަށެވެ.